ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ފޮޓޯ: ބީއެމްއެލް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ފޮޓޯ: ބީއެމްއެލް
އިޤްތިސާދީ ހަރަކާތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިކުރުވުމަކީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ރައީސް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރަމުންދާއިރު، ހުރިހާ އެންމެންގެ ޢިއްޒަތާއި، ހަމަހަމަކަމާއި، ބައިވެރިވުން އަގުކުރާ މުޖުތަމަޢެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ކަށަވަރުކޮށްދީ، އިޤުތިޞާދީ ހަރަކާތްތަކުގައި މާނަވީ ގޮތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން މި އަހަރުގެ ތެރޭގައި އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ 300 އަށްވުރެ ގިނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޚާއްޞަ ޢަމަލީ ޕްލޭނެއް އެކުލަވާލާފައިވާކަމަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެކަށޭނަ ގޮތެއްގައި ކިޔަވައިދިނުމަށްޓަކައި ޓީޗަރުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމެއްވެސް ވަނީ ފަށާފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކުރިމަތިލާންޖެހޭ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށާއި، ޢިމާރާތްތަކާއި ތަންތަނަށް ފަސޭހަކަމާއެކު ވަދެނިކުމެވޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށާއި، މަޢުލޫމާތު ލިބުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން އަލުން އަޒުމު އާކުރައްވާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ކޮންމެ މީހެއްގެވެސް ޤާބިލުކަން އެންމެ ފުރިހަމައަށް ބޭނުންކުރެވޭނެ، އަދި ހުރިހާ އެންމެންގެ ބައިވެރިވުން ކަށަވަރުވާނެ ޤައުމެއް ބިނާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް