މީހުން އާންމުކޮށް ހީކުރާ ގޮތުގައި، ދެބެން ކޯޓަށް ދަނީ ވާރުތަ މުދަލުގެ މައްސަލަތަކުގައެވެ. ނުވަތަ ބިމުގެ ދެބަސްވުންތަކުގައެވެ. ނަމަވެސް ސައުދީ އަރަބިއްޔާގެ މި ހަގީގީ ހާދިސާ މުޅިން ތަފާތެވެ. މިއީ ވަރަށް ހިތަށް އަސަރުކުރުވާ ފަދަ ހާދިސާއެކެވެ.

އުމުރުން ދުވަސްވީ ޙިޒާމް އަލް-ޣަމްދީއަށް، އޭނާގެ ކޮއްކޮއާ ދެކޮޅަށް ކޯޓުގައި ދައުވާ ކުރަން ޖެހުނެވެ. އެކަމަކު އެ ދެބެންގެ ދެމެދުގައި މި ދެބަސްވުންތައް ހިނގީ ފައިސާގެ މައްސަލައަކުން ނޫނެވެ. ގެދޮރާއި މުދަލާއި ހެދިއެއްވެސް ނޫނެވެ. އެ ދެބެއިން ކޯޓަށް ދިޔައީ އެމީހުންގެ ބަލިކަށި، އުމުރުން ދުވަސްވީ މަންމަ ބެލެހެއްޓުމުގެ ޒިންމާ ނަގަން ކޮންމެ މީހަކުވެސް ބޭނުންވާތީ، އެކަމާމެދު ދެބަސްވެ ފަނޑިޔާރު ގޮތެއް ނިންމައިދީ އިންސާފުވެރިކަމާއެކު އެކަމަށް ގޮތެއް ނިންމުމަށެވެ.

މަންމައަކީ އޭނާގެ މުޅި ދިރިއުޅުން ކަމަށް ބުނެ، ޙިޒާމް ވަރަށް ވަރުގަދައަށް ދަޢުވާ ކުރަމުންދިޔައީ، އޭނާ އަބަދުވެސް މަންމަ ބެލެހެއްޓި ފަދައިން، އެގޮތުގައި ކުރިއަށް އޮތްތާނގައިވެސް މަންމަ ބަލަހައްޓަން ބޭނުންވާ ކަމަށް ބުނެއެވެ. ނަމަވެސް އޭނާގެ ކޮއްކޮ ދިޔައީ ހިޒާމް އަކީވެސް އުމުރުން ދުވަސްވެފައިވާ މީހެއް ކަމަށްވާތީ، އޭނާއަށްވެސް އަރާމު ބޭނުންވާނެ ކަމަށް ބުނެ އެކަމާ ދެކޮޅު ހަދަމުންނެވެ.

ދެބެއިންވެސް ދެބެންގެ މަންމަ ބެލެހެއްޓުމުގެ ޝަރަފު ލިބިގަތުމަށް ބޭނުންވެ، ފަނޑިޔާރުގެ ކުރިމަތީގައި މަންމަ ބަލާނީ ތިމަންނާ ކަމަށް ބުނެ އެކަމަށް އެދެމުންދިޔައިރު، ކޯޓު ރޫމް ތެރޭގައި ތިބި އެންމެންގެ މޫނުމަތިން ވެސް އެކަމުގެ ހިތްދަތި އަސަރު ފެންނަމުން ދިޔައެވެ.

އަދި މައްސަލައިގެ ނަތީޖާ ކަނޑައަޅަން ނޭނގިފައި އިން ފަނޑިޔާރު، އެ ދެބެންގެ މަންމަ ކޯޓަށް ހާޒިރުކޮށް، ދެ ދަރިންގެ ތެރެއިން މަންމަ ބަލަން ހަވާލު ކުރަން ބޭނުންވާ ދަރިއަކު ކަނޑައެޅުމަށް އެދުނެވެ. މިސުވާލަށް މަންމަ ދިން ޖަވާބުން ކޯޓުތެރޭގައި ތިބި އެންމެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ.

މަންމަ ބުނީ، އޭނާގެ ދެ ދަރިންނަކީވެސް އެ މަންމަގެ ވާތާއި ކަނާތު ލޯ ކަމަށްވާތީ، އެ ދެދަރިންގެ ތެރެއިން އެކަކު މަންމަ ބަލަން އިހުތިޔާރު ކުރުމަކީ އުނދަގޫ، އަދި ނުކުރެވޭނެ ކަމެއް ކަމަށެވެ.

މަންމައަށް އެކަން ނިންމަން އުނދަގޫ ކަމަކަށް ވުމުން، ގާޒީއަށް ޖެހުނީ ސަބަބުތަކަށް ބުރަވެ މަންމަ ބަލާނެ މީހެއްގެ މައްސަލަ ނިންމާށެވެ.

މި މައްސަލަ ދިރާސާކުރުމަށްފަހު، ފަނޑިޔާރު ނިންމީ ކޮއްކޮއަށް މަންމަ ބެލެހެއްޓުމުގެ ޒިންމާ ދޭށެވެ. ސަބަބަކީ އޭނާ ހިޒާމަށްވުރެ އުމުރުން ހަގުވެފައި، ހަށިގަނޑުގެ ބާރުވެސް ގަދަ ކަމަށް ފެންނާތީއެވެ.

މި ނިންމުން އިޢުލާން ކުރި ވަގުތު، ޙިޒާމް ރޯން ފެށުމުން، ކޯޓު ތެރޭގައި ހިތާމަވެރި މާހައުލެއް އުފެދުނެވެ.

އޭނާއަށް ރޮވުނީ ބިރުން ނުވަތަ ރުޅިއައިސްގެނެއް ނޫނެވެ. އޭނާ އަށް ރޮވުނީ، އޭނާގެ މަންމަގެ ހަޔާތުގެ ބާކީ އޮތް ބައިގައި އެ މަންމައަށް ހިދުމަތްކުރުމުގެ އަގުބޮޑު ފުރުސަތު "ގެއްލިގެންދިޔަ" ކަމުގެ އިހުސާސް ކުރެވުމުން ކަމަށް ހިޒާމް ވަނީ ބުނެފައެވެ.

މިއީ މަންމަގެ ފައިތިލަދަށުން ސުވަރުގެ ހޯދުމަށްޓަކައި ދެބެއިން ކަންތައް ކުރި ގޮތުގެ ވާހަކައެވެ. މިއީ މަންމައަށް ހިދުމަތް ކުރުމުގައި މުޅި އުމުރު ހޭދަކުރި ކަމުގައި ވީނަމަވެސް، މަންމަގެ އަގު ވަޒަން ކޮށް ނުނިމޭނެ ކަމުގެ ހެއްކެކެވެ. ކޮންމެ މީހަކީވެސް މައިންބަފައިންނަށް އަޅާލާ، އެމީހުންނަށް އޯގާތެރިވާ ބަޔަކަށް ވެވޭތޯ މަސައްކަތް ކުރަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު