ހިކި ކަނޑުމަސް އުފެއްދުން
ހިކި ކަނޑުމަސް އުފެއްދުން
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް، މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް އިތުރުކޮށް ބާޒާރަށް ނެރުމަށް ބާރުއެޅުމުގެ ގޮތުން، 'މަހަ މަންފާ' ގެ ނަމުގައި އައު ފައިނޭންސިންގ ސްކީމެއް ތައާރަފްކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން އިސްލާމީ އުސޫލުތަކާއި އެއްގޮތްވާ ގޮތަށް ތަޢާރަފްކުރި މި ސްކީމުގެ މައިގަނޑު މަގްސަދަކީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމެވެ.

އެގޮތުން، މަސް ކައްކާ ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަންއަށް ބޭނުންވާ ވަސީލަތްތަކާއި، މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް ބަންދުކުރުމާއި، މަސް ހަލާކުވެދިޔަ ނުދީ ރައްކާކުރެވޭނެ ނިޒާމްތައް ގާއިމްކުރުން ފަދަ ކަންކަމަށް މާލީ އެހީ ލިބޭނެއެވެ.

މި ފައިނޭންސިންގެ ދަށުން، މަސް ޕްރޮސެސްކުރުމަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް އަދި ގުޅުންހުރި މުދާ ގަތުމަށް ރަހުނަކާ ނުލާ 50,000 ރުފިޔާއާއި 400,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިނޭންސިންގ ފޯރުކޮށްދެވޭނެއެވެ. އަދި ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ގިނަވެގެން 7 އަހަރު ދުވަސް ލިބޭނެއެވެ.

މިފައިނޭންސިންގަކީ ރާއްޖޭގައި މިވަގުތު މަސްވެރިންނަށް ދެވޭ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް 6 އިންސައްތަ ރޭޓުން ދޫކުރެވޭ ފައިނޭންސްއެކެވެ.

"މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް، ކުދި ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް. މި ފައިނޭންސިންގ ފެސިލިޓީ މެދުވެރިކޮށް މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތަކުން ވިޔަފާރިތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރަން. މިއީ ވިޔަފާރީގެ އުފެއްދުންތެރިކަން އިތުރުކޮށް، ތަކެތީގެ ފެންވަރު މަތިކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއްވެސްމެ. މި ސިނާއަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވި، ފުރުސަތުތައް ފަހިކޮށްދެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ލިބޭ ނަފާ އިތުރުވެ، މަސްވެރިކަމުގެ އެކްސްޕޯޓް އިތުރުކުރެވޭނެ ކަމަށް ލަފާކުރެވޭ. އަދި ރާއްޖޭގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ބޭރު ދުނިޔޭގައި މާކެޓު ކުރުމަށް ވެސް މި ސްކީމުން އެހީތެރިވެދޭނެ." މި ފައިނޭންސިންގއާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.

މަހަ މަންފާ ސްކީމްގެ އިތުރުން، ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ފަރުމަސްވެރިކަމުގެ ދާއިރާއިން ކުދި ވިޔަފާރިތައް އިތުރުކުރުމަށް ގިނަ ފަރާތްތަކަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ މަހަ މަންފާ ސްކީމަށް އެދި ހުށަހެޅުމަށް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް، 13 ޑިސެންބަރު 2025 ގައި ހުޅުވާލެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު