ބާ ކައުންސިލްގެ ބައެއް މެންބަރުން
ބާ ކައުންސިލްގެ ބައެއް މެންބަރުން
ވަކީލުން ހެކިންނަށް ބިރު ދައްކާކަމަށް ކްރިމިނަލް ކޯޓުގެ ޤާޟީ ޢަލީ އާދަމް ތުހުމަތު ކުރެއްވީ ހެއްކެއް ނެތި ކަމަށް ރާއްޖޭގެ ބާ ކައުންސިލުން ބުނެފިއެވެ.

ރާއްޖޭގެ ބާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ވަކީލުން ހެކިންނަށް ބިރުދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ޤާޟީއަކު ޝަރީއަތުގެ މަޖިލީހުގައި ތުހުމަތު ކުރުމަކީ، ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި ތުހުމަތަކީ ވަކީލުންނަށް ރައްޔިތުންގެ އިތުބާރު ގެއްލުވާލާފަދަ ކަމެއް ކަމަށް ބާ ކައުންސިލުން ދެކޭކަމަށް ބަޔާނުގައިވެއެވެ.

ހަމައެހެންމެ ޤާޟީ މި ތުހުމަތު ކުރެއްވީ އެއްވެސް ހެއްކެއް ނުވަތަ ބުރަދަނެއްހުރި މައުލޫމާތެއް ހާމަކުރުމަކާ ނުލައި ކަމަށާއި، މިކަމުގެ ސަބަބުން ދިފާއީ ވަކީލުންނާމެދު ނުރަނގަޅު ތަސައްވުރެއް އުފެދިފައިވާ ކަމަށް ބާ ކައުންސިލުން ބުނެފައިވެއެވެ.

ބާ ކައުންސިލުން ބުނީ، ޢަދުލު އިންސާފު ޤާއިމުކުރުމުގެ މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން، އެއްވެސް ހެއްކެއް ނެތި ވަކީލުންނަށް މިފަދަ ބޮޑެތި ތުހުމަތުތައް ކުރުމަކީ ވަކީލުންގެ އިތުބާރު ކެނޑި، އެބޭފުޅުން ކުރައްވާ މަސައްކަތަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ. މީގެ އިތުރުން، މިފަދަ ތުހުމަތުތަކުގެ ސަބަބުން ޢާންމު ރައްޔިތުންގެ ހިތްތަކުގައި ވަކީލުންނާއި ޤާނޫނީ ދާއިރާދެކެ އޮންނަ އިތުބާރު ގެއްލި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ މަސައްކަތަށް ބުރޫއަރާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

"ވަކީލުންނަކީ ކުށްވެރިން ކަމަށް ނުވަތަ ކުށުގެ އަމަލު ހިންގާ ފަރާތްތަކެއް ކަމަށް އާންމުންނަށް ދޭހަވާ ގޮތަށް އެއްވެސް ހެއްކަކާ ނުލައި ދައުލަތުގެ އެއްވެސް އިދާރާއަކުން، ޝަރުއީ ކޯޓަކުން ނުވަތަ އާންމު ފަރާތަކުން ވެސް އުފަދަ ތުހުމަތެއް ރައްދު ކުރުން ބާ ކައުންސިލުން ކުށްވެރިކަން." އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބާ ކައުންސިލުން ވަނީ، ވަކީލަކު ގާނޫނާ ޚިލާފު ނުވަތަ އަޚްލާޤީ މިންގަނޑުތަކާ ޚިލާފު ޢަމަލެއް ކުރިކަމުގެ ހެއްކެއް ލިބިފައިވާނަމަ، އެކަން ބާ ކައުންސިލްގެ އަޚްލާޤީ ކޮމިޓީއަށް ހުށަހެޅުމަށް ގޮވާލާފައެވެ. އެފަދަ ކަންކަން ހުށަހެޅުމުން، އެކަންކަން ތަހުގީގުކޮށް، ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުމަށް ބާ ކައުންސިލުން ތައްޔާރަށް ތިބިކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި އެއްވެސް ހެއްކެއް ނެތި ޢާންމުކޮށް ވަކީލުންނަށް ތުހުމަތު ކުރުމުން ވަކީލުންނަށް ރައްޔިތުންގެ އިތުބާރު ގެއްލި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ މަސައްކަތަށް ބުރޫއަރާނެކަން ބާ ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ. މިފަދަ ކަންކަމުން ދުރުހެލިވުމަށް ބާ ކައުންސިލުން އިލްތިމާސް ކޮށްފައިވެއެވެ.

ބާ ކައުންސިލުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ގދ. ފަރެސްާތޮޑާ، ކޮކާ، އިބްރާހިމް އާގިލްއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތުގެ މައްޗަށް އިއްވި މަރުގެ ހުކުމުގައި ގާޟީ އަލީ އާދަމް ވިދާޅުވެފައި ވަނީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ނިސްބަތްވާ ގްރޫޕްގެ މީހުންނާއި އެ ފަރާތްތަކުގެ އާއިލާއިންނާއި ދިފާއީ ގޮތުން ވަކާލާތުކުރާ ވަކީލުން އެކިގޮތްގޮތަށް ހެކިންނަށް ބިރު ދައްކާކަން އެނގޭއިރު، އެއީ ޖިނާއީ އަދުލުގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު