ކުރީގެ މަޖިލީސް މެންބަރު އަލްހާން ފަހުމީ
ކުރީގެ މަޖިލީސް މެންބަރު އަލްހާން ފަހުމީ
އޮންލައިން ޓްރޭޑިންގ ވިޔަފާރީގައި ފައިސާ އިންވެސްޓްކުރި މީހަކަށް، ބައި މިލިއަނެއްހާ ރުފިޔާ ދައްކަން، ކިންގްސް ކެޕިޓަލް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ކުރީގެ މަޖިލީސް މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ޢާއިލާގެ މަސްލަޙަތު އޮންނަ ކިންގްސް ކެޕިޓަލް ކުންފުންޏަށް އިންވެސްޓްކުރި ހޯރަފުށީ މީހަކަށް 587،466 ރުފިޔާ 15 ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ ހަފްތާގައި ވަނީ އެފަރާތްތަކުގެ ޣައިރު ޙާޟިރުގައި ހުކުމްކޮށްފައެވެ. އެ ފައިސާގެ ތެރޭގައި ސްކީމަށް އިންވެސްޓް ކުރި ފައިސާ އާއި، ފައިދާގެ އިތުރުން ވަކީލު ފީ ވެސް ހިމެނެއެވެ.

ކިންގްސް ކުންފުނިން ހިންގި ސްކީމްގައި މީގެ ކުރީގައި ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ. އެ ސްކީމަށް ގިނަ ބަޔަކު ފައިސާ އިންވެސްޓްކޮށްފައި ވަނިކޮށް 2022 ވަނަ އަހަރުގެ މާޗް މަހުގައި އެ ކުންފުނީގެ އެކައުންޓްތައް ވަނީ ހިފަހައްޓާފައެވެ. ކިންގްސް ކެޕިޓަލްއާއި ދެކޮޅަށް ހިންގި ޖިނާއީ ތަހުގީގާއި ގުޅިގެން އެކުންފުންޏަށް އިންވެސްޓްކުރި ވަރަށް ގިނަ ބައަކަށް ފައިސާ އަނބުރާ ލިބިފައެއް ނުވެއެވެ.

ފުލުހުން އޭރު ތުހުމަތުކޮށްފައިވަނީ ކިންގްސް ކެޕިޓަލްއިން މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށެވެ. ނަމަވެސް އަލްހާން ފަހްމީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ.

މިި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާ ގެ ދެ ކޮއްކޮއިންގެ މައްޗަށް އުފުލި ޓެކުމުގެ ކުށުގެ 13 ދައުވާ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މިހާރުވަނީ އަނބުރާ ގެންގޮސްފައެވެ. މިދިޔަ އޮކްޓުބަރު މަހުގެ 30 ވަނަ ދުވަހު ޕީޖީ އޮފީހުން ބުނީ، އެ 13 ފަރާތަށް ބަދަލުދީ ޚަލާސް ކޮށްފައިވާކަމަށް ބަޔާންކޮށް، ދައުވާތައް މުރާޖައާކޮށް ދިނުމަށް ދައުވާލިބޭ ފަރާތްތަކުން އެދިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު