ފޭސް 3 ގެ ބިން ހިއްކުން
ފޭސް 3 ގެ ބިން ހިއްކުން
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން މިއަދު ފަށައިފިއެވެ.

ޖުމްލަ 698 ގޯތީގެ ގުރުއަތު ނެގުން ކަލާފާނު ސްކޫލުގައި މިއަދު ހެނދުނު 9 ޖެހިއިރު ފެށިފައިވާއިރު، މީގެ ތެރޭގައި 7 ސައިޒެއްގެ ގޯތި ހިމެނެއެވެ. އަލުން މިގޯތިތަކުގެ ގުރުއަތު ނަގަން ނިންމީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަށާއި ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެންނެވެ.

މާސްޓަރ ޕްލޭންގެ އެންމެ ބޮޑު އެއް ބަދަލަކީ ފޭސް ތިނެއް ކުރިން ބްރިޖަކުން ގުޅުވާލަން އޮތް ބަދަލުގައި، ބިން ހިއްކައިގެން މިހާރު ހުރި ބިންތަކާ ގުޅުވައިލުމެވެ. ގުރުއަތުން ލިބޭ ޕްލޮޓް ނަންބަރު ހިޔާވެހި ޕޯޓަލްއިން ވަގުތުން ފެންނާނެ ކަމަށާއި އެސް.އެމް.އެސް މެދުވެރިކޮށް އެންގޭނެ ކަމަށް ހައުސިންގެ މިނިސްޓްރީން ބުނެއެވެ.

ގުރުނަގާ ނިމުމުން ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓަރީ ޙަވާލުކުރާނެ ގޮތުގެ މަޢުލޫމާތު ފަހުން އާންމުކުރާނެ ކަމަށްވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ބައެއް ފަރާތްތަކުގެ ގުރުއަތުލުން ކުރިޔަށް ދާއިރު، ގޯތި ލިބުނު ފަރާތްތަކަށް، އެމީހުންނަށް ލިބުނު ތަނުން ގޯތި ދިނުމުގެ ވަޢުދާ އެއްވެސް ވަރަކަށް ހިލާފު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު