މަސްޖިދުއް ރައްޔާން
މަސްޖިދުއް ރައްޔާން
ރައީސް ޞާލިޙްގެ ސަރުކާރުން އައްޑޫ ސިޓީ މަރަދޫގައި ޢިމާރާތް ކުރި މަސްޖިދުއްރައްޔާން މިއަދު ހުޅުވައިފިއެވެ.

މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވުނު ރަސްމިއްޔާތެއްގައި މި މިސްކިތް ހުޅުވައި ދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ. މިސްކިތް ހުޅުވުމަށްފަހު މިއަދު ހުކުރު ޚުޠުބާ ދެއްވީ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.

މިމިސްކިތަކީ ސަރުކާރުގެ ޚަރަދުގައި އިމާރާތްކުރި 500 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް މިއަދު ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް އިއުލާން ކުރި 15 މިސްކިތުގެ ތެރެއިން 6 މިސްކިތް މިހާރު ހުޅުވިފައިވާ ކަމަށެވެ.

"އަދި ކުރިއަށް އޮތް 6 މަސްތެރޭ ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެ. ހުޅުމާލެ ދާއިމީ 4 މިސްކިތް ހުޅުވިގެންދާނެ. އަދި އަތޮޅުތަކުގައި ވެސް ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެ. ހުޅުވިގެންދާ މިސްކިތްތަކުގެ ތެރޭގައި ހެޔޮ އެދޭ ފަރާތްތަކާ މިނިސްޓްރީ ގުޅިގެން ގެންދާ މަޝްރޫޢުތަކާއި ސަރުކާރުގެ މަޝްރޫޢުތައް ހިމެނޭ." ޑރ. ޝަހީމް ވިދާޅުވިއެވެ.

މަސްޖިދުއް ރައްޔާންގެ އިތުރުން ހުޅުމާލެ ފޭސް ދޭއްގައި އަލަށް އިމާރާތްކުރި، "މަސްޖިދުލްއީމާން" މިއަދު ވަނީ ހުޅުވައިފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މަސްޖިދުލް އީމާން ރަސްމީކޮށް ހުޅުވީ މިއަދު ހުކުރު ނަމާދަށް ފަހުގައި ކަމަށެވެ. އެމިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު، އިމާމުވެ ކުރެއްވީ ޒުވާން ޚަތީބު އަލް ހާފިޒު އުވައިސް ބިން އިނާޒެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއީ 1200 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއް ކަމަށެވެ. ތިން ފަންގިފިލާ ހުންނަ އެ މިސްކިތަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައިި ބިނާކުރި މިސްކިތެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު