މަންޑޭ (ކ) އާއި ޖައިޝާން (ވ)
މަންޑޭ (ކ) އާއި ޖައިޝާން (ވ)
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ "ކޭޕާކް ރެސިޑެންސް"އާ ގުޅޭ މައްސަލަތަކުގައި ދަޢުލަތުން ދަޢުވާ އުފުލާފައިވާ ރ. އަލިފުށީ ކިނާރާ، ޖައިޝާން ސައީދު ގެ މައްޗަށް ކުރި 98 ދައުވާގެ ތެރެއިން 89 ދައުވާއެއް ސާބިތުވެ، 159 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ރ. އަލިފުށީ ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް ދައުލަތުން ކުރި 98 ދައުވާގެ ތެރެއިން ސާބިތު ވެފައިވަނީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާއާއި، ޓެކުމުގައި ބައިވެރިވުމުގެ 45 ދައުވާ އާއި، މަނީ ލޯންޑާކުރަން އެހީތެރިވުމުގެ 1 ދައުވާ އާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ 3 ދަޢުވާ އެވެ.

ޖައިޝާން ސައީދުގެ މައްޗަށް އިއްވީ ޓެކުމުގައި ބައިވެރިވުމުގެ 45 ދައުވާގައި 140 އަހަރާއި، 9 މަހާއި، 18 ދުވަހުގެ ޖަލު ހުކުމަކާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާގައި 12 އަހަރާއި، 4 މަހާއި، 18 ދުވަހުގެ ޖަލު ހުކުމަކާއި މަނީ ލޯންޑްރިންއަށް އެހީވުމުގެ ކުށުގައި 5 އަހަރަށް ޖަލަށްލުމާއެކު ތިން ލައްކަ ރުފިޔާގެ ޖޫރިމަނާ އެއްގެ އިތުރުން މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްޙަނޫން ލިޔުމެއް ދިނުމުގެ ދަޢުވާގައި 1 އަހަރާއި، 4 މަހާއި، 24 ދުވަހުގެ ޖަލު ޙުކުމެކެވެ.

ޖަލަށްލުމުގެ އިތުރުން ޖޫރިމަނާ ފައިސާ ހަ މަސް ދުވަސް ތެރޭގައި އަނބުރާ ދިނުމަށް އެ ހުކުމުގައި އަންގާފައިވެއެވެ.

މި ޚިޔާނާތުގައި އިސްކޮށް ޙަރަކާތްތެރިވި ޙަސަން މަމްދޫޙަށް ކޯޓުން މިއަދު ކަނޑައެޅީ 393 އަހަރާއި، 7 މަހާއި، 6 ދުވަހުގެ ޖަލު ޙުކުމެކެވެ. އަދި 30 މިލިއަނުން އޭނާ ޖޫރިމަނާކޮށް، އޭނާގެ ލަގްޒަރީ ފްލެޓްވެސް ދަޢލަތަށް ނަގާފައިވެއެވެ.

ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ.

މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު