އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް (މ)-
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް (މ)-
ވެރިކަމާ ހަވާލުވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރިހާ ކަމެއް ކުރަމުންދަނީ ހުދުމުހުތާރުކަން ދައްކައި ރައްޔިތުންގެ މައްޗަށް ވެރިވެގަތުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ ސިވިލް ސާވިސް ގަވާއިދަށް ބަދަލު ގެނެސް، އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑުތަކަށާއި އިސްތަށިގަނޑު ބަހައްޓަންޖެހޭ ގޮތަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

އެގޮތުން ފައްޔާޒް ވިދާޅުވީ ސިވިލް ސާވިސް ގަވާއިދު ބަދަލުކޮށް މުވައްޒަފުން ހެދުން އަޅާގޮތް ބަދަލު ކުރުވަނީ ރައްޔިތުން ކޮންޓްރޯލް ކުރުމުގެ އެޖެންޑާއެއްގެ ދަށުން ކަމަށާއި، އެކަން އެގޮތަށް ކުރަނީ ސިވިލް ސާވިސްގެ ހެދުން އެޅުމުގައި މައްސަލައެއް އޮވެގެން ނޫން ކަމަށެވެ.

"ބޭނުމަކީ ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް މުއިއްޒުގެ ބާރުގެ ދަށަށް ގެނެސް ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދޭ ޒާތީ މިނިވަންކަން ފޭރިގަތުން." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ރައްޔިތުންނަކީ ތަންދޮރު ނުދަންނަ ގަމާރު ބައެއް ކަމަށް ދެކިގެން އެ މީހުންގެ ޒާތީ ކަންކަމާ ބެހި އޮބިހެއްޓޭނެ ކަމަށް ސަރުކާރުން ދެކިގެން ނުވާނެ ކަމަށެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލާއި ފިކުރާއި ޒާތީ ދިރިއުޅުމުގެ މިނިވަންކަން ދިވެހިންނަށް މާ މުހިންމު ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް މިހެން ވިދާޅުވެފައި ވާއިރު، ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ފާޅުކަން ބޮޑޫ ކުލައެއް ޖައްސައި ޝޭޑުކޮށް ހައިލައިޓްކުރުން މަނާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. އަންހެން މުވައްޒަފުންގެ އިސްތަށިގަނޑު ހުންނަންވީ ގޮތުގެ ތަފްސީލް ދީފައިވީ ނަމަވެސް ފިރިހެން މުވައްޒަފުންގެ އިސްތަށިގަނޑު ބަހައްޓަންވީ ގޮތް ގަވާއިދުގައި ހިމަނާފައެއް ނުވެއެވެ.

އަންހެން މުވައްޒަފުން ޒީނަތްތެރިވުމުގެ ގޮތުން ގަހަނާ އެޅުމާއި މޭކަޕް ކުރުމަކީ ހުއްދަކަމެއް ކަމަށް ގަވާއިދުގައި ވާއިރު، ފިރިހެން މުވައްޒަފުން ފާޅުކަންބޮޑު މޭކަޕެއް އަދި އަނގޮޓި ފިޔަވައި ގަހަނާއެއް ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫންކަމަށް ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

އަދި އަންހެން މުވައްޒަފުން ކޮންމެ ބާވަތެއްގެ ހެދުމެއް ލީނަމަވެސް ކަރު ހުންނަންވާނީ، މުޖުތަމަޢުގެ އަދަބާ ޚިލާފުނުވާގޮތަށް ކަރުވަޅު ނިވައިވާ ގޮތަށް ކަމަށާއި، ހެދުމުގެ ދިގުމިން ހުންނަންވާނީ، ފޫކޮޅު ނިވާވާ ގޮތަށް ފަލަމަސްގަނޑަށް ވުރެ 2 އިންޗިއަށް ވުރެ ކުރުނުވާ ވަރަށް ކަމަށް ޤަވާއިދުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު