އަޝްވާގް ފައުޒީ   3 ޖެނުއަރީ 2026 - 5:6
ޔާނިޔާ ފޮޓޯ: އިންސްޓަގްރާމް
ޔާނިޔާ ފޮޓޯ: އިންސްޓަގްރާމް
ޓިކްޓޮކްގައި މަގުބޫލުކަން ހޯދާފައިވާ ޔާނިއާ ރަޝީދު މޫސާ، އައިސް ޓީވީގެ "ސައި ވިތު ސާއީ" ޕްރޮގްރާމްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކާއި ބުލީ ކުރުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަމުން ޔާނިއާ ވަނީ ރަށްފުށުގެ ދިރިއުޅުން ނުވަތަ "އައިލެންޑް ލައިފް" ދެކެ އޭނާ ފޫހިވާކަމަށް ބުނެފައެވެ. މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން ބުނެފައިވަނީ، މާލެއަށްވުރެ ރަށްފުށުގެ ދިރިއުޅުން މާ ހިތްފަސޭހަ ކަމަށެވެ.

ރަށްފުށުގެ ދިރިއުޅުމުގެ އިތުރުން، ޔާނިއާ ވާހަކަދެއްކުމުގައި ދިވެހި ބަހާއި އިނގިރޭސި ބަސް އެއްކޮށްލައިގެން ބޭނުންކުރާ ގޮތަށް ނުވަތަ އޭނާގެ "އެކްސެންޓް" އަށް ވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔައި މަލާމާތްކޮށްފައެވެ.

މިކަމުގެ ސަބަބުން މީސްމީޑިއާގައި "އޮންލައިން ހެރަސްމަންޓް" ނުވަތަ ގަނާކުރުމާ ގުޅޭ ފުޅާ ބަހުސެއް ވަނީ އުފެދިފައެވެ. ޔާނިއާ އަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެމުން އޭނާ ބުނެފައިވަނީ، އޭނާ އެ ވާހަކަތައް ދެއްކީ މީހުން ރުޅި އަންނާނެކަން އެނގި ހުރެ، ވިއުސް ހޯދުމުގެ މަގުސަދުގައި ކަމަށެވެ.

ނަމަވެސް، މި ހާދިސާއާ ގުޅިގެން ބައެއް ފަރާތްތަކުން ދެކޭގޮތުގައި ޒުވާނަކު ވާހަކަދައްކާ ގޮތަށް މަލާމާތްކުރުމަކީ ހަމައެކަނި މަޖަލަކަށް ކުރެވޭ ކަމެއް ނޫނެވެ. އެއީ ސީދާ ގަނާކުރުމުގެ އަމަލެކެވެ. ބަހުރުވަ ނުވަތަ އެކްސެންޓަކީ ޒެޑް-ޖެނެރޭޝަންގެ ކުދިން ބޮޑުވަމުން އަންނަ މާހައުލާއި އެކުދިންގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ކަމަކަށްވާއިރު، އެއީ ލަދުގަންނަވަންޖެހޭ ކަމެއް ނޫންކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ތަހުޒީބު މުޖުތަމައެއްގައި މިފަދަ ގޮތްގޮތަށް މީހުންނާ ދިމާކުރުމަކީ ހުއްޓާލަންޖެހިފައިވާ ކަމެކެވެ. މިއަދު ސްކްރީނުން ފެންނަ ބީރައްޓެއްސަކަށް ކުރާ މަލާމާތް، މާދަމާ ތިމާގެ އަމިއްލަ ދަރިއަކަށް ނުވަތަ ގާތް މީހަކަށް ވެސް އަމާޒުވެދާނެކަން ގަބޫލުކުރަންޖެހެއެވެ. އެހެންކަމުން، ޒުވާނުންގެ އަޑު ކަނޑުވާލުމުގެ ބަދަލުގައި، އެކުދިންގެ އަމިއްލަ އަޑުން ވާހަކަދެއްކުމަށް ހިތްވަރުދީ، އިހާނެތިކަމުގެ ބަދަލުގައި ހަމްދަރުދީ އިސްކުރާ ބަޔަކަށް ވުމަކީ މުޖުތަމައުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށް ނުހަނު ބޭނުންތެރިކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު