ހޮސްޕިޓަލެއްގައި ބަލިމީހުންނަށް ފަރުވާ ދެނީ-
ހޮސްޕިޓަލެއްގައި ބަލިމީހުންނަށް ފަރުވާ ދެނީ-
ރާއްޖެއިން ބޭރުން އާސަންދައިގެ ދަށުން ހިދުމަތް ދޭއިރު، ބަލި މީހާގެ އަތުން ކޯޕޭމަންޓެއް ނެގުމަށް އޮޑިޓާ ޖެނެރަލް ލަފާދީފިއެވެ.

މިކަން ފާހަގަކޮށްފައިވަނީ އޮޑިޓާ ޖެނެރަލް އޮފީހުން މިއަދު ނެރުނު، 2019 އިން 2024 އަށް އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމުގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައެވެ.

ރިޕޯޓުގައި ވާގޮތުން މި މުއްދަތުގެ ތެރޭގައި ދައުލަތުން ވަނީ ބޭސްފަރުވާއަށް 35 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ އެވެރެޖުކޮށް އަހަރަކަށް 5.9 ބިލިއަން ރުފިޔާއެވެ.

އާސަންދަ ނިޒާމުގައި ހުރި ގިނަ މައްސަލަތައްވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ވިޒިޓިން ޑޮކްޓަރުންނަށް ވެސް ރާއްޖޭން ބޭރުން ބަލި މީހާ ފަރުވާ ހޯދަން ރިފާކުރެވޭ ގޮތަށް ނިޒާމު އޮތުމާއި، އާސަންދަ ސްކީމްގެ ހަރަދުތައް ދުވަހުން ދުވަހަށް އިންތިޚާއަށް އިތުރުވާ ގޮތަށް ނިޒާމު އޮތުން ހިމެނޭ ކަމަށް ރިޕޯޓުގައި ވެއެވެ.

މި ސްކީމްގެ ދަށުން ރާއްޖޭން ބޭރަށް ފޮނުވާ ނިސްބަތް އަހަރުން އަހަރަށް އިތުރުވެފައިވާކަން އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2019 އިން 2024 އަށް ރާއްޖޭން ބޭރުން އާސަންދަ ދިނުމަށް 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މި ހަރަދު އެވްރެޖުކޮށް އަހަރަކު 14 ޕަސެންޓް އިތުރުވަމުން ގޮސްފައިވާ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ އިސްލާހު ކުރަންވީ ބައެއް ކަންތައްތައްވެސް ހިމަނާފައެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުން އާސަންދައިން ހޯދާ ފަރުވާއަށް ކޯ ޕޭމަންޓެއް ނަގާ އުސޫލެއް ތައާރަފު ކުރުން ހިމެނެއެވެ. އެއީ ހުރިހާ ޚަރަދެއް ދައުލަތުން ކުރުމުގެ ބަދަލުގައި ބިލަށް އަރާ ޖުމުލަ އަދަދުގެ ވަކި ޕަސެންޓެއް ބަލި މީހާގެ ފަރާތުން ދެއްކުމެވެ.

އަދި މީގެ އިތުރުން ފަރުވާ ހޯދާ މީހުންގެ ފަރުދީ ޒންމާ އިތުރު ކުރުމަށް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ލަފާ ދީފައެވެ.

ބޭސްފަރުވާގެ ކަންކަމުގައި ރާއްޖޭން ބޭރަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި އެންމެ ގިނައިން ރާއްޖެއިން ބޭރަށް މީހުން ފޮނުވަން ޖެހޭ ދާއިރާތައް ފާހަގަކޮށް, އެ ދާއިރާތަކުން ވަށާޖެހޭ ފަރުވާގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ލަފާ ދީފައެވެ.

ބައެއް ދާއިރާތަކުން ފަރުވާ ދިނުމަށް ވަސީލަތްތައް ރާއްޖޭގައި ގާއިމުކުރުމަށް ފަހު ވެސް އެ ފަރުވާއާ ގުޅޭ ގިނަ ކޭސްތަކެއް ރާއްޖޭން ބޭރަށް ފޮނުވަން ޖެހިފައިވާކަން ފާހަގަކުރަމުން އޮޑިޓު ރިޕޯޓުގައި ބުނީ އެކަން އެހެން ދިމާވަނީ އެ ވަސީލަތްތަކުން ފަރުވާ ތަރައްގީކުރުމަށް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކާއެކު ވެފައިވާ އެއްބަސްވުންތައް ތަންފީޒުކޮށްފައި ނުވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ރާއްޖެއިން އެ ފަރުވާ ލިބުނަސް, ފަރުވާއާމެދު ރައްޔިތުން އިތުބާރު ކުޑަވުމުގެ ސަބަބުންވެސް މިކަން މިހެން ދިމާވެދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު