މަރްޔަމް ނަހްދާ ވަޙީދު   7 ޖެނުއަރީ 2026 - 4:55
ޔަޝް-
ޔަޝް-
އިންޑިއާގެ ސައުތު ސިނަމާގެ މަޝްހޫރު ތަރި ޔަޝް ލީޑުން ފެނިގެންދާ ފިލްމު "ޓޮކްސިކް" ގެ ޓީޒަރު ދައްކާލަނީ ޔަޝްގެ 40 ވަނަ އުފަންދުވަހާ ދިމާކޮށް ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މިއީ "ކޭޖީއެފް ޗެޕްޓަރ 2" ގައި އޭނާ ދައްކާލި ހުނަރަށްފަހު އޭނާ ބޮޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފަހަރު ކަމުން ބެލުންތެރިން ދަނީ މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ.

"ޓޮކްސިކް" ގެ ޓީޒަރު ދައްކާލުން އޮންނާނީ މިމަހު 8 ގައެވެ. އެއީ ޔަޝްއަށް 40 އަހަރު ފުރޭ ދުވަހެވެ. މި ދުވަހު ޓީޒަރު ދައްކާލަން ފިލްމުގެ ޓީމުން ނިންމީ، މިއީ ޔަޝް އަށް ވަރަށް ބޮޑު "މައިލްސްޓޯން" އަކަށް ވާތީ ކަމަށް އިންޑިއާ ޓުޑޭއިން ވަނީ ރިޕޯޓު ކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމުން ޔަޝް ފެނިގެންދާނީ މީގެ ކުރިން ފެނިފައި ނުވާފަދަ ތަފާތު ރޯލަކުންނެވެ.

ގީތޫ މޯހަންދާސް ޑައިރެކްޓުކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ކިއަރާ އަދްވާނީ، ހުމާ ގުރޭޝީ، ނަޔަންތަރާ، އަދި ތާރާ ސުތޭރިއާ ފެނިގެންދާނެ ކަމަށް މީގެ ކުރިން މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާރޗް މަހު 19 ގައެވެ.



ކިޔުންތެރިންގެ ހިޔާލު