ގއ. ކޮލަމާފުށި
ގއ. ކޮލަމާފުށި
ގއ. ކޫއްޑޫ އެއާޕޯޓުން ފުރައިގެން ލޯންޗެއްގައި އެންމެ 25 މިނެޓުން ދެވޭ ހިސާބުގައި އޮތް ގއ. ކޮލަމާފުށްޓަކީ ދުނިޔޭގެ އެންމެ ބޮޑު މުރަކަ އަތޮޅު ކަމަށްވާ ހުވަދު އަތޮޅުގެ މެދުތެރޭގައި އޮތް ހިތްގައިމު މަންޒިލެކެވެ. އަތޮޅުގެ ހުޅަނގު ދެކުނު ބިތުގައި އޮންނަ މި ރަށް ބަލަހައްޓަމުން ދަނީ ފުން ފަޅަކާއި ހުދު ދޮންވެލީގެ ފިނޮޅު ތަކަކަށެވެ.

މި ރަށަށް ދަތުރުކުރާއިރު ފެންނަ ހުދު ފިނޮޅުތަކާއި، ރަށުގެ ދެކޮޅުގައި އޮންނަ ފަސް ކުދި ރަށް ނުވަތަ ރަށުކުދިތަކަކީ ކޮލަމާފުށީގެ ޤުދުރަތީ ރީތިކަން އިތުރުކޮށްދޭ ޚާއްޞަ ސިފަތަކެކެވެ.

މީގެ ތެރެއިން ބައެއް ރަށްރަށަށް ކަކުލާ ހަމައަށް ފެން ނާރާހާ ތިލަކޮށް ހިނގާލާފައި ދެވޭއިރު، މިއީ ފަތުރުވެރިންނަށާއި ރަށަށް ޒިޔާރަތްކުރާ މީހުންނަށް ލިބޭނެ ވަރަށް ތަފާތު ތަޖުރިބާއެކެވެ.



ކޮލަމާފުށި ފޮޓޯ : މީސް މީޑިއާ


މި ރަށަކީ އަތޮޅުގެ އެހެން ރަށްރަށާ ޚިލާފަށް ވަރަށް ތަފާތު ބައްޓަމަކަށް އުފެދިފައިވާ ރަށެކެވެ. މިއީ ކުރީގެ ދެ ރަށް ކަމަށްވާ "މާފުށި" އަދި "ކޮލާ" ގުޅިގެން އުފެދިފައިވާ ރަށެކެވެ.

މި ދެ ރަށް ގުޅުވައިދޭ ހަނި ބިމުގައި ޗައިނާ ސަރުކާރުގެ އެހީގައި އިމާރާތްކޮށްފައިވާ "އަންނި ފްލެޓްތައް" ހުންނައިރު، ރަށުގެ "ކޮލާ" ފަޅީގައި ހުންނަނީ އިންޖީނުގެއާއި، ބޯޓުޔާޑުތަކުގެ އިތުރުން ކުދިކުދި ބަކަރި ކޮށިތަކެވެ.



ހިތްގައިމު ކޮލަމާފުށި


ރަށުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު، ރަށުގެ ބޮޑުބައެއްގައި ޒަމާނީ ފެންވަރުގެ ރީތި ގެތައް ބިނާކޮށްފައިވެއެވެ. ރަށުގެ ގިނަ ބަޔަކު ތަޢުލީމާއި ވަޒީފާގެ ބޭނުމުގައި މާލެއަށް ހިޖުރަކޮށްފައި ވީނަމަވެސް، މި ރަށުގައި ހުރި ދެބުރި އިމާރާތްތަކާއި މުއްސަނދި ފަރުނީޗަރުތަކުން ދޭހަކޮށްދެނީ ރަށުގެ ރައްޔިތުންގެ ފުދުންތެރިކަމެވެ.



ކޮލަމާފުށި މަސްވެރި ރަށެއް


އިޤްތިޞާދީ ގޮތުން ބަލާއިރު، ކޮލަމާފުށްޓަކީ މުޅި އަތޮޅުގެ މަސްވެރިކަމުގެ މައި މަރުކަޒެވެ. ރާއްޖޭގެ ޖީޑީޕީގައި މަސްވެރިކަމުގެ ހިއްސާ ކުޑަވި ނަމަވެސް، މި ރަށުގެ މަސްވެރިން ހޯދާ އާމްދަނީ ސަރުކާރުގެ އާދައިގެ ވަޒީފާތައް އަދާކުރާ ފަރާތްތަކަށްވުރެ އެތައް ގުނައެއް އިތުރެވެ.



ކޮލަމާފުށި


މިސާލަކަށް ސަރުކާރު ވަޒީފާއެއްގައި ހުންނަ މީހަކަށް މަހަކު 8،000 ރުފިޔާ ލިބޭއިރު، މި ރަށުގެ ޒުވާން މަސްވެރިއަކަށް ހަފުތާއަކު 20،000 އާއި 30،000 ދެމެދުގެ އާމްދަނީއެއް ލިބެއެވެ. މި މުއްސަނދިކަމުގެ ސަބަބުން މި ސަރަޙައްދުގައި ބޭންކުތަކަށްވުރެ އައިސް ޕްލާންޓްތައް ގިނަކަން ފާހަގަކުރެވެއެވެ. އަދި މި މާލީ މިނިވަންކަމުގެ ސަބަބުން ރަށުގެ ސިޔާސީ ފިކުރަށްވެސް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވެއެވެ.



ފޮޓޯ : ކޮލަމާފުށީ ކައިރީގައި އޮންނަ ހިތައިދޫ


ކޮލަމާފުށީގެ ވާހަކަ ދައްކާއިރު، އެ ރަށާ ޖެހިގެން އޮތް "ހިތާދޫ" އަކީ ފާހަގަކޮށްލަންޖެހޭ ރަށެކެވެ. މިއީ ހިމާޔަތްކޮށްފައިވާ ދެ ރަށުގެ ތެރެއިން އެއް ރަށެވެ. ގިނަ އަދަދެއްގެ ހިޖުރަކުރާ ދޫނިތަކާއި، ޚާއްޞަކޮށް ހޯރަ އުޅޭ މި ރަށަކީ ޤުދުރަތީ ގޮތުން ވަރަށް މުއްސަނދި ރަށެކެވެ.ރަށުގައި އެއްވެސް ކާށިގަހެއް ނެތް ނަމަވެސް، މުޅި ރަށް ފޮރުވިފައިވަނީ ބޮޑެތި ޖަންގަލި ގަސްތަކުންނެވެ.

ކޮލަމާފުށްޓާއި އެ ރަށުގެ ވަށައިގެންވާ މި ފުރިހަމަ މާހައުލަކީ ރާއްޖޭގެ ރަށެއްގެ އަސްލު ދިރިއުޅުން ތަޖުރިބާ ކޮށްލަން ބޭނުންވާ ކޮންމެ މީހަކުވެސް ޒިޔާރަތްކޮށްލުން މުހިންމު ރަށެކެވެ.



ކިޔުންތެރިންގެ ހިޔާލު