ގއ. ކޮލަމާފުއްޓަށް ނުހުއްޓި ބޯކޮށް ވާރޭވެހުމުގެ ސަބަބުން، އެ ރަށުގެ ގިނަ ގޭގެއަށާއި މުއައްސަސާތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ކޮލަމާފުށީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، ވިއްސާރައިގައި އެ ރަށުގެ 85 އިންސައްތަ ގެއަށް ފެންވަދެ، ހިފާގެންގުޅޭ ތަކެއްޗަށާއި އިލެކްޓްރޯނިކްސް ސާމާނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ބުނީ، ބޯކޮށް ވާރޭވެހި ރަށު ތެރޭގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށާއި މުއައްސަސާތަކަށް ފެންވަދެ، އެ ރަށުން ކަރަންޓުގެ ހިދުމަތް ވެސް މެދުކެނޑިފައިވާ ކަމަށެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނި ގޮތުގައި، ފެންހިއްކުމަށް ބޭނުންވާ ޕަންޕާއި ގޭގެއަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމަށް ބޭނުންވާ ގޯނި ހިފައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ޓީމެއް މިހާރު ދަނީ ކޮލަމާފުއްޓަށް ދަތުރުކުރަމުންނެވެ.

ފެންބޮޑުވުމާ ގުޅިގެން ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން ބުނީ ކޮލަމާފުއްޓަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، އެ ރަށުގެ 45 ގެއަކަށާއި ސިއްހީ މަރުކަޒަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެ ރަށުގެ ރައްޔިތުންނަށާއި ކަމާބެހޭ އިދާރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، ސިއްހީ މަރުކަޒުގައި ފެންބޮޑުވުން ކޮންޓްރޯލްކުރުމުގެ މަސައްކަތުގެ އިތުރުން، އެކަނިދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށާއި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކޮލަމާފުށީގައި ފެންބޮޑުވެފައިވާއިރު، ކުރިއަށް އޮތް ފަސް ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު