އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްޤަފޫރު މޫސާ
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްޤަފޫރު މޫސާ
މާލޭ ނޯތު ހާބަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން، ރަށްރަށަށް މުދާ އުފުލާ އޮޑިދޯނިފަހަރަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލެއިން މުދާ އެރުވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްޤަފޫރު މޫސާ ސަރުކާރަށް ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ވަގުތީ ޗެއާޕާސަން އަބުދުލް ޣަފޫރު މޫސާ ވިދާޅުވީ، ނޯތު ހާބަރު މަރާމާތު ކުރުމުގެ ބޮޑު މަސައްކަތެއް ސަރުކާރުން ފަށާފައިވާއިރު، އެ ސަރަހައްދު ބޭނުންކުރާ ދޯނިފަހަރަށް ކައިރިކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އޮޑިވެރިންގެ ޝަކުވާ އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

ޣަފޫރު ވިދާޅުވީ މި މަސައްކަތް ފެށުމުގެ ކުރިން މަރާމާތު ކުރިއަށް ގެންދާނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. އަދި އަމަލީ މަސައްކަތް ފެށިއިރު ތިން މަރުހަލާ އެއްކޮށް ފަށާފައިވާ ކަމަށާއި، މިހާރު އެ މަސައްކަތް އޮތީ މުޅިން ހުއްޓިފައި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ސަބަބުން ނޯތު ހާބަރުގެ ގާތްގަނޑަކަށް 30 އިންސައްތަ ސަރަހައްދު ބޭނުން ނުކުރެވޭއިރު، ބަދަލުގައި ދީފައިވާ ރަސްމީ ފާލަން ސަރަހައްދުން ޖާގަ ލިބެނީ އެންމެ ހަތް ދޯންޏަށް ކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ.

"އަޅުގަނޑާ ދިމާވި ބައެއް ބޭފުޅުން ދެއްކި ހިސާބުތަކަށް ބަލާއިރު، 70، 80 ނުވަތަ 90 އެއްހާ ދޯނި އެބައޮތް ކިއޫގައި. މި ކިއޫގެ ތަރުތީބުން ދޯނިތަކަށް ފުރުސަތު ލިބޭއިރު، އިތުރު 10 ވަރަކަށް ދުވަސް އެބަ ހޭދަވޭ. މިއީ ދަތުރުތަކަށް އެޅޭ ވަރަށް ބޮޑު ހުރަހެއް،" ހަނިމާދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވާއިރު، އޭގެ މަހެއް ނުވަތަ ދޮޅުމަސް ކުރިން ރަށްރަށަށް ބޭނުންވާ މުދާ ސަޕްލައިކޮށް ނިންމަންޖެހޭކަން ޣަފޫރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ރޯދަމަހާ ދިމާކޮށް މިފަދަ މަސައްކަތެއް ފެށުމަކީ ސަރުކާރުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށާއި، މީގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑު ސަރުކާރަށް ގޮވާލަން ހުޅުމާލެއިން ނަމަވެސް މި އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް މިހާރުން މިހާރަށް ހަމަޖައްސަވައިދޭން. މި މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ ޖޫން ނުވަތަ ޖުލައި ހިސާބުގައި ކަމަށްވާއިރު، އެހާ ދުވަހު އޮޑިވެރިންނަށް މި ތަކުލީފުގައި ނުތިބެވޭނެ،" ޣަފޫރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު