ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް މިހާރު ގެނެސްފައިވާ ބަދަލުތަކަކީ އަހްލާގީ ބަދަލުތަކެއް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން (ސީއެސްސީ) ބުނެފިއެވެ.

ދައުލަތުގެ މީޑިއާ އިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވުން ސިވިލް ސާވިސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ޢަބްދުﷲ ސަޢީދު ވިދާޅުވީ މިދިޔަ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ހެދުން އެޅުމުގެ ޤަވާއިދަށް އިސްލާޙު ގެންނަން ޖެހުނީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހެދުން އެޅުން އިޖުތިމާޢީ މިންގަނޑަށްވުރެ ދަށްވެފައިވާ ކަމުގެ ގިނަ ޝަކުވާތަކެއް ލިބުމާ ގުޅިގެން ކަމަށެވެ.

އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވާ މައްސަލަތަކުގެ ތެރޭގައި ގައިގެ ވަނާތައް އެނގޭ ގޮތަށް ހެދުން އެޅުމާއި، ބޮލުގައި ކުލަ ޖެއްސުމާއި، ތުނި ހެދުން ލުމުގެ އިތުރުން، އަޚްލާޤީ މިންގަނޑުން ބޭރުވާ ފަދަ ގޮތްގޮތަށް ޖިންސުލުން ހިމެނޭ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

މުވައްޒަފުން ހެދުން އަޅާ ގޮތަކީ މަސައްކަތުގެ އަޚްލާޤުގެ މުހިންމު ބައެއް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ގެނެވިފައި ހުރި ބަދަލުތަކަށް ސަމާަލުވުން މުހިންމު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ސިވިލް ސާވިސްގެ މުވައްޒަގުންގެ ހެދުން އެޅުމުގެ މިންގަނޑަށް ބަދަލު ގެނެސް އެކުލަވާލި އައު ގަވާއިދުގައި ވާަގޮތުން ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެންވާނީ ގަމީހާއި، ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައެވެ. ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ބޭނުން ނުކުރެވޭނެއެވެ.

އަދި އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑުތައް އިތުރަށް ހަރުކަށިކޮށް އަންހެން ސިވިލް ސާވަންޓުންގެ ހެދުން ހުންނަންޖެހޭ ދިގުމިނާއި ގޮތް ތަފްސީލް ކޮށްފައިވާއިރު ހެދުން އެޅުމުގައި ކަރުވަޅާއި، ބުޑު ނިވައި ކުރަންޖެހެެެއެެވެ. ހަމައެއާއެކު އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ކުލަ ޖެއްސުމަކީ ވެސް މަނާ ކަމެކެވެ.

މި ބަދަލުތަކަށް ޢަމަލު ނުކުރާ މުވައްޒަފުންނަށް ފުރަތަމަ ނަސޭހަތްދީ، ރަނގަޅު ނުވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކޮމިޝަނުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު