ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން
އާބާދީ ކުދި ރަށްރަށުގެ ކައުންސިލް އިދާރާތަކަށް މުވައްޒަފުން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށަކުން މީހުން ނުލިބޭ ހާލަތްތަކުގައި އެ އަތޮޅެއްގެ އެހެން ރަށްރަށުން މީހުން ވަޒީފާއަށް ނެގޭނެ އާ އުސޫލެއް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން އެކުލަވާލައި އާންމުކޮށްފިއެވެ.

ސީއެސްސީން އާންމުކުރި އުސޫލުގައިވާ ގޮތުން، ކައުންސިލްތަކުގެ ފާސްކޮށްފައިވާ އޮނިގަނޑުގެ ތެރެއިން ބަޖެޓު ހަމަޖެހިފައިވާ މަގާމުތަކަށް މީހުން ހޯދުމަށް އިއުލާނުކުރާނީ މުޅި އަތޮޅަށް ހުޅުވާލައިގެންނެވެ.

އަދި ވަޒީފާއަށް ހޮވޭ މީހަކަށް އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލް އިދާރާއަށް ހާޒިރުވެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ފަހިކޮށްދޭންޖެހޭނެއެވެ. ނަމަވެސް މި ފުރުސަތު ލިބޭނީ އެ އަތޮޅެއްގެ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ.

މީގެއިތުރުން، އެފަދަ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް މޮނިޓާކުރާނީ އެ މުވައްޒަފަކު މަސައްކަތަށް ހާޒިރުވާ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެކަމަށް ކަނޑައަޅާ އިސް އޮފިޝަލެކެވެ.

އަދި ވަޒީފާއަށް މީހުން ހޮވުމުގެ އިދާރީ މަސައްކަތްތައް ސީއެސްސީ ނުވަތަ އެ ކޮމިޝަނުން ކަނޑައަޅާ އިދާރާއަކުން ކުރިއަށްގެންދާއިރު، މުސާރައާއި އިނާޔަތްތަކުގެ އިތުރުން ވަޒީފާގެ އެހެނިހެން ކަންކަން ހަމަޖެހިގެންދާނީ ދައުލަތުގެ ޕޭ ފްރޭމްވަރކާއި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.



ކިޔުންތެރިންގެ ހިޔާލު