ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
އިސްލާމީ ތާރީޚްގައި، އިސްރާ އާއި މިއުރާޖް (ރަޖަބު މަހުގެ 27 ވިލޭރޭ) ފާހަގަކުރެވެނީ، އަހަރުމެންގެ ލޯބިވާ ނަބިއްޔާ މުޙައްމަދު ﷺ މުޢުޖިޒާގެ ދަތުރުފުޅު ކުރަށްވައި، އުޑުތަކަށް އަރައިވަޑައިގަތް މަތިވެރި ރޭގެ ގޮތުގައެވެ. މިއީ "މިއުރާޖް"ގެ ނަމުން ވެސް މަޝްހޫރުވެފައިވާ ދަތުރުފުޅެކެވެ. މާތްﷲ ވަހީކުރައްވާފައިވެއެވެ: {سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ} (އަލްއިސްރާ: 1) މާނައީ: "އެކަލާނގެ އަޅާ (އެބަހީ: މުޙައްމަދު ﷺ) އަލްމަސްޖިދުލް ޙަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް ރޭގަނޑުން ބައެއްގައި ގެންދެވި ކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެއީ އެތަނުގެ ވަށައިގެންވާ ތަންތަނުގައި ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ތަނެވެ. އެއީ ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލާނގެއެވެ." މި ލިޔުމުގައި ބަލާލާފައިވަނީ އިސްރާ އާއި މިއުރާޖުގެ މުޢުޖިޒާތުން ލިބިދޭ ފިލާވަޅުތަކާއި އޭގެ މުހިންމުކަމުގެ މައްޗަށެވެ.

އިސްރާ އާއި މިއުރާޖަކީ ކޮބާ؟

އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅު ހިނގައިދިޔަ ދަނޑިވަޅަކީ ވަރަށް މުހިންމު ވަގުތެކެވެ. އެއީ ރަސޫލާ ﷺ ނުހަނު ބޮޑެތި ދަތިތަކާއި ހިތާމަތަކެއް ތަޙައްމަލު ކުރައްވަމުން ގެންދެވި ދުވަސްވަރެކެވެ. އެކަލޭގެފާނުގެ ޤަބީލާ އާއި އާއިލާ ކަމުގައިވާ ޤުރައިޝުން ގެންދިޔައީ މެދުނުކެނޑި އެކަލޭގެފާނަށް މަލާމާތްކޮށް، އިހާނެތިކޮށް ހިތައި، އެކަލޭގެފާނަށާއި އީމާންވި މީހުންނަށް އަނިޔާވެރިވަމުންނެވެ. މީގެ އިތުރުން، އެކަލޭގެފާނު ވަނީ "ޢާމުލް ޙުޒްން" (ހިތާމައިގެ އަހަރު) އާ ދިމާވެފައެވެ. އެއީ އެކަލޭގެފާނުގެ ލޯބިވާ އަނބިކަނބަލުން ޚަދީޖަތުގެފާނާއި، އެކަލޭގެފާނުގެ ޙިމާޔަތްތެރިޔާ އަދި ބޮޑުބޭބޭފުޅު އަބޫޠާލިބު އަވަހާރަވި އަހަރެވެ. މި ހުރިހާ ހިތާމައަކަށްފަހު، އިސްލާމްދީނުގެ މެސެޖު ފެތުރުއްވުމަށް ޠާއިފަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ މީހުން ވަނީ ވަރަށް އިހާނެތިކޮށް އެކަލޭގެފާނަށް ރައްދުދީ، ކުޑަކުދިން ނެރެ ގައު އުކައި، އެކަލޭގެފާނުގެ ހަށިކޮޅުން ލޭ އޮހޮރުވާލާފައެވެ.

މިފަދަ ބޮޑެތި ހިތާމަތަކަކަށްފަހު، މާތްﷲ މުޙައްމަދު ﷺ އަށް ދެއްވީ ނުހަނު ފުރިހަމަ އަދި ހިތްހަމަޖެހުން ލިބިދޭ ހަދިޔާއެކެވެ. އެކަލޭގެފާނު ގެންދެވުނީ ހަމައެކަނި ބަރަކާތްތެރި ހަރަމްފުޅަށާއި އުޑުތަކަށް އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި އެންމެހާ އުންމީދާއި ހިތްހަމަޖެހުމުގެ އަސްލު ކަމުގައިވާ މާތްﷲގެ މަތިވެރި ހަޟްރަތަށެވެ. އެހެންކަމުން، އިސްރާ އާއި މިއުރާޖުން ލިބޭ އެންމެ މުހިންމު އެއް ފިލާވަޅަކީ "ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ" (އަލްއިންޝިރާޙް: 5) މިއެވެ.

އަލްއިސްރާ: މައްކާއިން މަސްޖިދުލް އަޤްޞާއަށް

ރަސޫލާ ﷺ މައްކާގައި އުއްމު ހާނީގެ ގޭގައި އަވަހާރަފުޅަށް އޮންނަވަނިކޮށް، ޖިބްރީލްގެފާނު ފައިބައިވަޑައިގެންނެވި ކަމަށް ބުޚާރީގެ ރިވާޔަތެއްގައިވެއެވެ. ޢިލްމުވެރިން ރިވާޔަތްތައް ގުޅުވާލަމުން ވިދާޅުވަނީ އެކަލޭގެފާނު ގެންދެވުނީ ކަޢުބަތުﷲ ގެފުޅުގެ ހިޖްރު އިސްމާޢީލްގެ ކައިރިއަށް ކަމަށެވެ. އެތަނުން ޖިބްރީލްގެފާނު އެކަލޭގެފާނުގެ މޭފުޅު ފަޅާލައްވައި، ޒަމްޒަމް ފެނުން ދޮންނެވުމަށްފަހު، ޙިކުމަތާއި އީމާންތެރިކަމުން ފުރިފައިވާ ރަން ތަބަަކެއް ގެންނަވައި، އެ މޭފުޅުގެ ތެރެއަށް އޮއްސާލެއްވުމަށްފަހު އަލުން ބެއްދެވިއެވެ. އެއަށްފަހު "ބުރާޤް" އޭ ކިޔުނު ހުދުކުލައިގެ ސަވާރީއެއް ގެނެވުނެވެ. އެއީ ހިމާރަށްވުރެ ބޮޑު، އަދި ބަގަލަށްވުރެ ކުޑަ އެއްޗެކެވެ. އޭގެ އެއް ފިޔަވަޅު އެޅެނީ ލޮލުކޮޅަށް ފެންނަ ހިސާބަށެވެ.

މި ދަތުރުފުޅުގެ ތެރެއިން ބައެއް ތަންތަނަށް މަޑުކުރައްވައި ނަމާދުކުރެއްވުމަށް ޖިބްރީލްގެފާނު ދެންނެވިއެވެ.

ފުރަތަމަ މަޑުކުރެއްވީ "ހިޖުރަކުރައްވާނެ ބިމަށެވެ" (މަދީނާއަށެވެ). ދެވަނައަށް މަޑުކުރެއްވީ މޫސާގެފާނަށް ތައުރާތު ބާވައިލެއްވި ސައިނާ ފަރުބަދައަށެވެ. ތިންވަނައަށް މަޑުކުރެއްވީ ޢީސާގެފާނު އުފަންވެވަޑައިގަތް ބައިތުލްލަޙްމަށެވެ. އަދި ހަތަރުވަނައަށް މަޑުކުރެއްވީ މޫސާގެފާނުގެ މަޤްބަރާ ކައިރިއަށެވެ. މަސްޖިދުލް އަޤްޞާއަށް ވާސިލްވެވަޑައިގަތުމުން، އެތަނުގައި ތިއްބެވި 124,000 ނަބީބޭކަލުންނާއެކު ރަސޫލާ ﷺ އިމާމްވެ ނަމާދުކުރެއްވިއެވެ.

އަލްމިއުރާޖް: އުޑުތަކަށް އަރައިވަޑައިގަތުން

ރަސޫލާ ﷺ އާއި ޖިބްރީލްގެފާނު ހަތް އުޑަށް އަރައިވަޑައިގެންނެވިއެވެ. ކޮންމެ އުޑަކުން ނަބީބޭކަލުންނާ ބައްދަލުވެވަޑައިގަތެވެ. އެގޮތުން ފުރަތަމަ އުޑުން އާދަމްގެފާނާއި، ދެވަނަ އުޑުން ޔަޙްޔާގެފާނާއި ޢީސާގެފާނާއި، ތިންވަނަ އުޑުން ޔޫސުފްގެފާނާއި، ހަތަރުވަނަ އުޑުން އިދްރީސްގެފާނާއި، ފަސްވަނަ އުޑުން ހާރޫންގެފާނާއި، ހަވަނަ އުޑުން މޫސާގެފާނާއި، އަދި ހަތްވަނަ އުޑުން އިބްރާހީމްގެފާނާއި ބައްދަލުވެވަޑައިގަތެވެ. އަދި ސުވަރުގެއާއި ނަރަކަވެސް އެކަލޭގެފާނަށް ދެއްކެވުނެވެ.

އިލާހީ ބައްދަލުވުން

މި ދަތުރުފުޅުގެ އެންމެ މަތިވެރި ވަގުތަކީ މާތްﷲގެ ޙަޟްރަތަށް ވާސިލްވެވަޑައިގަތް ވަގުތެވެ. އެ މަންޒަރުގެ ރީތިކަމާއި، އެކަލޭގެފާނަށް ލިބިވަޑައިގަތް ޝަރަފާއި މާތްކަން އިންސާނެއްގެ ބުއްދިއަށް ތަޞައްވުރުވެސް ނުކުރެވޭނެއެވެ. އެ ހިނދުގައި މާތްﷲ މި އުންމަތުގެ މައްޗަށް ފަންސާސް ނަމާދު ފަރުޟުކުރެއްވިއެވެ. ނަމަވެސް މޫސާގެފާނުގެ ލަފާފުޅުގެ މަތިން، ރަސޫލާ ﷺ ތަކުރާރުކޮށް މާތްﷲގެ ޙަޟްރަތަށް ދަންނަވައިގެން، އެ އަދަދު ފަސް ނަމާދަށް މަދުކޮށްދެއްވިއެވެ.

މާތްﷲ ވަހީކުރެއްވިއެވެ: "ތިމަންރަސްކަލާނގެ ފަރުޟުކުރެއްވި ކަންތައް ނިންމަވައިފީމެވެ. އަދި އަޅުތަކުންގެ މައްޗަށްވާ ބުރަކަން ލުއިކޮށްދެއްވައިފީމެވެ. އަދި ކޮންމެ ހެޔޮކަމަކަށް ދިހަގުނަ ދެއްވާހުށީމެވެ." މިއީ މި އުންމަތަށް ލިބުނު އެންމެ ބޮޑު ހަދިޔާއެވެ. ނަމާދަކީ މުސްލިމުންނަށް މާތްﷲއާ މުޢާމަލާތްކޮށް، އެކަލާނގެއާ ކައިރިވުމަށް ލިބޭ ދުވަހަަކު ފަސް ފަހަރުގެ ފުރުޞަތެކެވެ.

މި ދަތުރުފުޅުގައި ރަސޫލާ ﷺ ނުހަނު ގިނަ އަޖައިބުކުރަނިވި ކަންތައްތަކެއް ދެކެވަޑައިގަތެވެ. އަދި މިއީ އެ ދުވަސްވަރުގެ މުއުމިނުންގެ އީމާންތެރިކަން އިމްތިޙާނު ކުރެވިގެންދިޔަ ބޮޑުވެގެންވާ މުޢުޖިޒާތެއްވެސްމެއެވެ.

(މަސްދަރު: https://earabic.io/blog/al-isra-wal-miraj-the-miraculous-journeys)



ކިޔުންތެރިންގެ ހިޔާލު