ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު
ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު
އަންނަ ރިޔާސީ އިންތިޚާބުގައި ހުރިހާ ސިޔާސީ ޕާޓީތައް އެއްސަންދޯކެއްގައި ކަފުން ކުރެވޭނެ ކަމަށް 2028ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ތައްޔާރުވަމުންދާ ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު މިހެން ވިދާޅުވީ، އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލީ މީހުންގެ އަދަދު މަދުވުމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ޢުމަރު ވިދާޅުވީ، އެމްޑީޕީގެ އެންމެ މަތީ ދެ ލީޑަރުން ނުކުންނަވައި ކެމްޕޭން ކުރެއްވި ނަމަވެސް، 54،680 މީހުންގެ ވޯޓުލާ އާބާދީއެއް އޮތް މާލެއިން އެ ޕާޓީއަށް ނެރެވުނީ އެންމެ 2،436 މީހުން ކަމަށެވެ.

އަދި މިއީ މާލޭގެ އާބާދީގެ އެންމެ 4 އިންސައްތަ ކަމަށާއި، ވެރިކަން ކުރާ ޕީއެންސީގެ ހާލަތުވެސް އޮތީ ހަމަ މިގޮތަކަށް ކަމަށް ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ، މީގެ 15 އަހަރު ކުރިން ބޭއްވުނު މިފަދަ އިންތިޚާބުތަކާ އަޅާބަލާއިރު، ސިޔާސީ ޕާޓީތަކުގެ އަވާމެންދުރުން ދިވެހިން މިނިވަންވެއްޖެކަން މިއަދު ޔަގީންވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ރާއްޖެއަށް ގެނެސްދިނީ ކޮރަޕްޝަނާއި އިސްރާފު ކަމަށް ޢުމަރު ތުހުމަތުކުރެއްވިއެވެ.

ހަމައެއާއެކު ޢުމަރު ވިދާޅުވީ،، ވޭތުވެދިޔަ 20 އަހަރު ގައުމު ދިޔައީ ފަހަތަށް ކަމަށާއި، މިހާރު ޕާޓީތަކުން ރައްޔިތުންނަށް ދައްކާނެ އާ ވާހަކައެއް ނުވަތަ، އާ ސުލޯގަންއެއް ނެތް ކަމަށެވެ.

"އަންނަ ރިޔާސީ އިންތިޚާބުގައި ހުރިހާ ސިޔާސީ ޕާޓީތައް އެއް ސަންދޯކެއްގައި ކަފުންކުރެވިގެންދާނެ." ޢުމަރު ވިދާޅުވިއެވެ.

ޢުމަރު މިހެން ވިދާޅުވެފައިވާއިރު، އިއްޔެ ބޭއްވި އެމްޑީޕީގެ މާލޭސިޓީގެ ޕްރައިމަރީ މިހާރުގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެެ. އިންތިހާބުގައި އާދަމް އާޒިމް ވަނީ 1411 ވޯޓު ހޯއްދަވައިފަ އެވެ. އެއީ 57.9 ޕަސެންޓު ވޯޓެވެ. އޭނާ އާއި ވާދަކުރެއްވި އަލީ އާޒިމްއަށް ލިިބިވަޑައިގަތީ 962 ވޯޓެވެ. އެއީ 39.5 ޕަސެންޓު ވޯޓެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. އެމްޑީޕީން ދަނީ މި އިންތިޚާބަށް ވަރަށް ވަރުގަދައަށް ތައްޔާރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު