ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް-
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް-
ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށާއި، ދިވެހި ސަނަދުތަކަށް އޮތް އިތުބާރު ދެމެހެއްޓުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުއްވި ސިޓީއެއްގައި މެންބަރު ވިދާޅުވީ ރާއްޖޭގައި އޮންލައިންކޮށް އަދި ކެމްޕަހަށް ހާޒިރުވެގެން ކިޔެވުމުގެ ފުރުސަތުތައް ފުޅާވެފައިވީ ނަމަވެސް، ތައުލީމީ ނަޒާހާތްތެރިކަމާ ގުޅޭ ސީރިއަސް މައްސަލަތަކެއް ފެންމަތިވަމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް، ރަށްރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އިތުރުވުމާއެކު، އޭގެ ނަހަމަ ބޭނުން ހިފާ މިންވަރު އިތުރުވެފައިވާކަމަށް މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ.

ސިޓީގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި އޮންލައިން އިމްތިހާނުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދުމާއި، އެހެން މީހުންގެ އުފެއްދުންތަކާއި މަސައްކަތްތައް ކޮޕީކުރުން އިތުރުވުން ހިމެނެއެވެ.

މީގެ އިތުރުން، އުޖޫރަ ދީގެން އެހެން މީހުން ލައްވާ އެސައިންމަންޓްތައް ހެދުވުމާއި، ހުއްދަނޫން ގޮތްގޮތަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފިލާވަޅުތައް ނިންމުމަކީ ތައުލީމީ ފެންވަރަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.

މެމްބަރު ވިދާޅުވީ މިފަދަ އަމަލުތައް ހިންގާ ދަރިވަރުން ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ ސަބަބުން، ނަޒާހާތްތެރިކަމެއް ނެތި ފާސްވުމުގެ ފުރުސަތު ހުޅުވިފައި ވާކަމަށެވެ. މީގެ ސަބަބުން ދިވެހި ސަނަދުތަކުގެ އަގު ބައިނަލްއަގުވާމީ މައިދާނުގައި ވެއްޓި، އިހުލާސްތެރިކަމާއެކު ކިޔަވާ ދަރިވަރުންނަށާއި ވަޒީފާދޭ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށްވެސް މެމްބަރު ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކަށީގެންވާ ވަގުތުގައި ޖަވާބުދާރީ ނުވާކަމަށާއި، ކޯސްތަކުގެ ފެންވަރު ބެލުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަންވެސް މެންބަރުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އަދި ހަމައެއާއެކު އަގަށް އެސައިންމަންޓް ހަދައިދޭ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅޭނެ ނިޒާމެއް އޮތް ނަމަވެސް، އެކަން ހުއްޓުވުމުގައި މިހާތަނަށް އެދެވޭ ނަތީޖާއެއް ފެނިފައި ނުވާކަމަށެއެވެ.

އެހެންކަމުން ރާއްޖޭގެ ތައުލީމީ ދާއިރާގެ އިތުބާރު ސަލާމަތްކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު