މަރަދޫ ސްކޫލް
މަރަދޫ ސްކޫލް
ރައްޔިތުންގެ ބޮޑު ހިއްސާއަކާއެކު 30 ޖޫން 1977 ގައި ކިޔަވައިދޭން ފެށި އައްޑޫ ސިޓީ މަރަދޫ ސްކޫލަކީ އެ ރަށުގެ ތައުލީމީ ބިންގަލެވެ. ފުރަތަމަ 25 އަހަރު ރައްޔިތުންގެ އަމިއްލަ ބުރަ މަސައްކަތުން ހިންގުމަށްފަހު، ފަހުން ސަރުކާރުން ހިންގަން ފެށި މި ސްކޫލަކީ މިހާރުވެސް 400 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާ، އައްޑޫގެ ފާހަގަކޮށްލެވޭ ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލެކެވެ.

2023 ވަނަ އަހަރު އޯލެވެލްއަށް ކިޔަވައިދޭން ފެށި ފަހުން، މިހާތަނަށް ނިންމި ތިން ބެޗުގެތެރެއިން ބައެއް ދަރިވަރުންވަނީ ގައުމީ ގަދަ ދިހައެއްގައި ހިމެނި، ދުނިޔޭގެ ފެންވަރުގެ "ބްރިލިއަންސް އެވޯޑް" ފަދަ ޝަރަފުވެރި ކާމިޔާބީތައް ހޯދާފައެވެ.

ނަމަވެސް، ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާސަބަތާ ގާތްވަމުންދާއިރު، ސްކޫލުގައި ދާއިމީ ޕްރިންސިޕަލަކު ނެތުމަކީ ބެލެނިވެރިންނާއި، ކުރީގެ ދަރިވަރުންނާއި އާންމުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ބެލެނިވެރިއަކު ބުނި ގޮތުގައި، ރައްޔިތުންގެ ބުރަ މަސައްކަތުން ބިނާކޮށްފައިވާ މިފަދަ ނަތީޖާ ރަނގަޅު ސްކޫލެއްގެ ރަންޔޫބީލް އަހަރާ ކުރިމަތިލާއިރު، ހިންގުމުގެ އިސްވެރިއަކު ނެތުމަކީ ސްކޫލުގެ ކުރިއެރުމަށް އޮތް ބޮޑު ހުރަހެކެވެ.

މި އަހަރަކީ ސްކޫލްގެ 50 އަހަރު ފުރުމުގެ ކައުންޑައުން ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ މުހިއްމު އަހަރަކަށް ވާއިރު، މިފަދަ ދަނޑިވަޅެއްގައި ވެރިއަކު ނެތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބެލެނިވެރިން ދަނީ ފާހަގަކުރަމުންނެވެ.





މި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، މީސްމީޑިއާގައި ދައުރުވަމުންދާ މެސެޖްތަކުގައި ތުހުމަތުކޮށްފައިވާ ގޮތުން، ޕްރިންސިޕަލްގެ މަގާމަށް ބޭފުޅަކު އައްޔަންނުކޮށް މަސްތަކެއް ވެގެންދަނީ ސިޔާސީ ނުފޫޒުގެ ސަބަބުންނެވެ.

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޙުސައިން ސައީދު ގަސްތުގައި މި މަސައްކަތް ލަސްކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު މިނިސްޓްރީގެ ތެރެއިން ލިބެމުންދާ ކަމަށްވެސް އެ ޕޯސްޓުތަކުގައި ބުނެފައިވެއެވެ. މިކަމާ ގުޅިގެން "ރަސް އޮންލައިން" އިން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް، މިނިސްޓްރީގެ ފަރާތުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ސްކޫލްގެ ސާނަވީ އާއަހަރުގެ ކިޔެވުން ފެށެން މިހާ ގާތްވެފައިވާއިރު، ބެލެނިވެރިންނާއި ކުރީގެ ދަރިވަރުން ގޮވާލަމުންދަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ދެފުށް ފެންނަ އުސޫލަކުން ވީހާވެސް އަވަހަކަށް ގާބިލު ޕްރިންސިޕަލަކު އައްޔަންކޮށް ދިނުމަށެވެ. އެ ފަރާތްތަކުގެ އުންމީދަކީ ސްކޫލުގެ ހިންގުން ހަރުދަނާވެ، ދަރިވަރުންގެ ތައުލީމަށް އެއްވެސް ނޭދެވޭ އަސަރެއް ނުކޮށް، ސްކޫލުގެ 50 އަހަރުގެ ރަންޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު