އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން
ކޮވިޑް-19 ގެ ދުވަސްވަރު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްގައި، އައިޖީއެމްއެޗްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ އަދި މިހާރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ރިޝްވާންގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރިޝްވާނާ ގުޅޭގޮތުން ހުށަހެޅިފައިވާ މި މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައެވެ. ރިޝްވާނަށް ކުރެވޭ ތުހުމަތު ސާފުވެފައި ނުވާއިރު، އެ މައްސަލަ ބަލައިގަތުމާ މެދު ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

މީގެއިތުރުން، ކޮވިޑް-19 ގެ ޓެސްޓުތައް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި ރީއެޖެންޓްސް ހޯދުމުގައި އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް މަންފާ ހޯދައިދިން ކަމަށް ބުނާ މައްސަލައެއްގައި، އެ ހޮސްޕިޓަލުގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) އާއި ޑރ. އަލީ ލަތީފްގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް އޭސީސީން މީގެ ކުރިން ވަނީ ފޮނުވާފައެވެ.

ހަމައެއާއެކު، ކޮވިޑްގެ ދުވަސްވަރު ޕީސީއާރު ޓެސްޓިންގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިން 'ޕައިނިއާ މޯލްޑިވްސް' އާއި 'އައިލެންޑް ހެލްތު ސޮލިއުޝަންސް' އިން ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް، އެ ކުންފުނިތަކުގެ ޑިރެކްޓަރުން ކަމަށްވާ ޑރ. އިކްލީލް ޝަރީފާއި ޑރ. އަލީ އަބްދުﷲ ލަތީފްގެ މައްޗަށް ދައުވާކޮށްދިނުމަށް މީރާއިން ވެސް ވަނީ ޕީޖީއަށް ހުށަހަޅާފައެވެ.

އެގޮތުން 2020 އިން 2022 އަށް އައިލެންޑް ހެލްތުން 31.9 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސްއިން 102.7 މިލިއަން ރުފިޔާގެ އާމްދަނީ ރިޕޯޓުނުކޮށް ފޮރުވާފައިވާކަން ތަހުގީގަށް ވަނީ ހޯދިފައެވެ.

އަދި މި މައްސަލައިގައި ދައްކަންޖެހޭ ޓެކުހުގެ އަދަދު ދަށްކުރުމަށްޓަކައި ސައްހަ ނޫން މާލީ ހިސާބުތައް ތައްޔާރުކޮށްދިން ކަމުގެ ތުހުމަތުގައި، އަލީ ފަޔާޒް ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް މީރާއިން ވަނީ އެދިފައެވެ. މި ތަހުގީގާ ގުޅިގެން މި ދެ ކުންފުނިން ޖުމްލަ 28 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޓެކުހުގެ ގޮތުގައި ދައްކަން މީރާއިން ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު