އަންނަ އަންގާރަ ދުވަހު ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން އާ އަހަރަކަށް ފެށުމަށް ތައްޔާރުވަމުންދާއިރު، ބައެއް ގްރޭޑްތަކުގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަދިވެސް ހަމަނުވާތީ ބެލެނިވެރިން ޝަކުވާ ކުރަން ފަށައިފިއެވެ.

މާލެ އާއި އަތޮޅުތެރޭގެ ގިނަ ސްކޫލްތަކަކުން މި މައްސަލަ ފާހަގަކުރެވިފައިވާއިރު، ބައެއް ބެލެނިވެރިން ބުނާ ގޮތުގައި ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް އިސްލާމް، ގުރުއާން އަދި ދިވެހި ފޮތްތައް އަދި ލިބިފައެއް ނުވެއެވެ. މީގެ އިތުރުން ސެކަންޑަރީ ގްރޭޑްތަކުގެ ބައެއް މާއްދާތަކުގެ ފޮތްތައް ވެސް މަދުކަން ބެލެނިވެރިން ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ކުރިން ވިދާޅުވެފައިވަނީ، ފޮތްތައް ފޯރުކޮށްދިނުމުގައި ބައެއް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. މީގެ ކުރިން އަރަބިއްޔާ ސްކޫލުގެ ގުދަނެއްގައި ފޮތްތައް ތަރުތީބު ކުރަމުން ދިޔަ ނަމަވެސް، މިހާރު އެ މަސައްކަތް އަމީނިއްޔާ ސްކޫލަށް ބަދަލުކުރުމުން ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މާލޭގެ އުތުރު ބަނދަރު ސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތަކުގެ ސަބަބުން، އަތޮޅުތަކަށް ފޮތް ފޮނުވުމަށް ބޯޓުތަކަށް ތަކެތި ބަރުކުރުމުގައި ވެސް ދަތިތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ސްކޫލްތަކުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހަމައަށް ލިބޭނެ ކަމުގެ ސައްތައިން ސައްތަ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮންމެ ރަށަކަށް ވެސް ފޮތް ފޮނުވަނީ އެ އަހަރަކު ސްކޫލަށް ވަންނަ ދަރިވަރުންގެ އަދަދަށް ބަލައިގެންނެވެ. ފޮތްތައް ލިބުން ލަސްވާތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް، މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ކިޔެވުން ފެށޭއިރު މި މައްސަލަ ހައްލުކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު