އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤާނޫނުއަސާސީގެ ބާރުކަނޑުވައި، ދިވެހިރާއްޖޭގެ ބަޖެޓާއި އިޤްތިޞާދު އިނދަޖައްސަމުންދާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް މިސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ފައްޔާޒް ސަރުކާރަށް ފާޑުވިދާޅުވީ، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމުން އަޙްމަދު އިނާޒް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭނާ ދެއްކެވި ސާބިތުކަމަށްޓަކައި ޝުކުރު އަދާކުރަށްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ފައްޔާޒް ވިދާޅުވީ، ޚުދުމުޚުތާރު ވެރިކަމަކާ ދެކޮޅަށް ތެދުވާނެ އިހުލާސްތެރި އަދި ހިތްވަރުގަދަ މީހުން މިއަދު ޤައުމަށް ބޭނުންވެފައިވާ ކަމަށެވެ.

އިޤްތިޞާދީ ދާއިރާއިން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ، ދައުލަތުގެ ކުންފުނިތައް އިޞްލާޙުކުރުމުގެ ނަމުގައި ސަރުކާރުން ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ހަމައެއާއެކު އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާކުރި ހިލޭ އެހީގެ ތެރެއިން ލިބިފައިވަނީ އެންމެ 15 އިންސައްތަ ކަމަށާއި، ނަމަވެސް 2025 ވަނަ އަހަރަށް އެކަނިވެސް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށެވެ.

ފައްޔާޒް ވަނީ، ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް، އެއަށްވުރެ މާ ބާރުމިނެއްގައި ޚަރަދުތައް އިތުރުވަމުންދާކަން ފާހަގަކުރަށްވާފައެވެ. ހަމައެއާއެކު އަމިއްލަ ވިޔަފާރިތަކަށް ދައުލަތުން ދައްކަންޖެހޭ ބިލިއަނުން ގުނާލެވޭ ޢަދަދުގެ ފައިސާ ނުދައްކައި ހުރުމާއި، އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓި، ބޭރު ފައިސާގެ ސިޔާސަތު ފޭލިވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގު އުފުލި، އާންމު ރައްޔިތުންނަށް އޭގެ ތަކްލީފު އުފުލަން ޖެހިފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މާލީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ފައްޔާޒް ވިދާޅުވީ، ފައިސާ ޗާޕުކޮށްގެން ދަރަނި އަދާކުރުމަށް މަސައްކަތް ކުރުމާއި، ޕެންޝަން ބޯޑަށް ބަދަލުތައް ގެނައުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ. އަދި މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ 14 އިންސައްތައަށްވުރެ މަތީ އިންޓްރެސްޓް ރޭޓުގައި ދަރަނި ނެގުމަށް ކަމަށާއި، މިއީ މިނިވަން ދައުލަތަކުން ކުރާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

"މިއީ އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް. މިއީ ސީދާ ސަރުކާރުގެ ނުކުޅެދުންތެރިކަމާއި، އިޞްލާޙީ ފިޔަވަޅު އެޅުމުގެ ބަދަލުގައި ދައުލަތުގެ ޚަރަދުތައް އިންތިހާއަށް އިތުރުކުރުމުގެ ނަތީޖާ،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒްގެ ވާހަކަ ނިންމަވާލެއްވީ، މާކެޓްތަކާއި ދިވެހި ރައްޔިތުން މި ހުރިހާ ކަމެއް ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވަމުންނެވެ. އަދި އަޙްމަދު އިނާޒް ފަދަ އުޞޫލުތަކުގައި ހިފަހައްޓާ ބޭފުޅުން މިއަދު ޤައުމަށް ނުހަނު ބޭނުންތެރިކަން އޭނާ ތަކުރާރުކުރެއްވިއެވެ.



ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވަމުން އިނާޒް ވިދާޅުވީ، ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ކުރެވުނު ގިނަގުނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދިފައި ނުވާ ކަމަށެވެ.

އަދި އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ޓެކްނިކަލީ ގަބޫލްކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު ގެ ޗެއާރޕާސަން ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވާ ކަމަށްވެސް އިނާޒް ވިދާޅުވެފައިވެއެވެ.

ފައިސާ ޗާޕްކުރާތީ އިނާޒް މިއަދު މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު، މިދިޔަ އޮކްޓޫބަރު މަހު ޕެންޝަން އޮފީހުގެ ބޯޑުން ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފަ އެވެ. އެއީ، ޕެންޝަން އޮފީހާއި ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ސަރުކާރުން މީގެކުރިން ވަނީ އެކަން ދޮގު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު