ހުޅުމާލޭ ޖަލު-
ހުޅުމާލޭ ޖަލު-
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކަށް ނިއުމޯނިއާ ޖެހިގެން މިއަދު ނިޔާވެއްޖެއެވެ.

ނިއުމޯނިއާ ޖެހިގެން، އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނު 00؛09 ޖަހާކަށްހާއިރު ނިޔާވެފައިވަނީ ދަފްތަރު ނަންބަރު 439، އިބްރާހިމް ސުޙެއިލް (53އ) އެވެ.

ކަރެކްޝަންސް އިން ބުނިގޮތުގައި އޭނާ ނިއާވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ހަފްތާއެއް ވެފައިވަނިކޮށް، މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި އޭނާ ނިޔާވީ ނިއުމޯނިއާ ޖެހިގެންކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

އޭނާއަކީ 2025 ވަނަ އަހަރު ސްޓްރޯކެއް ޖެހި، އެކަމަށް ފަރުވާ ހޯދަމުން އައި މީހެއްކަމަށާއި، އޭނާގެ ސިއްޙީ ހާލަތު ދެރަވުމާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށީ މީގެ ހަތް ދުވަސް ކުރިން ކަމަށްވެސް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ބުނީ، އިބްރާހިމް ސުޙެއިލް ނިޔާވުމާ ގުޅިގެން އެކަން ވަގުތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، އޭނާގެ އާއިލާއަށް އަންގާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް މި މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު