ދަރިވަރުންގެ ލިޔުންތެރިކަން ދައްކާލަން ލިބުނު ރަނގަޅު ފުރުޞަތެއް؛ ކުރުވާހަކަ މުބާރާތުގެ މުއްދަތު އިތުރުކޮށްފިއެވެ.

އަންނަ ރަމަޟާން މަހަށް ޚާއްޞަކޮށްގެން "ރަސް އޮންލައިން" އިން ބޭއްވުމަށް ހަމަޖެހިފައިވާ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު، މި ހިނގާ ފެބްރުއަރީ މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. 1447 ވަނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ރަސް މީޑިއާއިން އަލަށް އިންތިޒާމުކުރާ މި މުބާރާތަކީ ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމަށާއި، ދިވެހި ބަހުން ފެންވަރު ރަނގަޅު ކުރުވާހަކަ ލިޔާނެ ހުނަރުވެރި ލިޔުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރާއި 17 އަހަރާ ދެމެދުގެ ފުރާވަރުގެ ކުދިންގެ ގިންތިއާއި، 18 އަހަރުން މަތީގެ ބޮޑެތި މީހުންގެ ގިންތިއެވެ. މުބާރާތުގެ މައިގަނޑު އެއް ބޭނުމަކީ ދިވެހި ބަހުގެ ހަމަތަކަށް ފެތޭ، މުޖުތަމަޢަށް ފައިދާހުރި މުނިފޫހިފިލުވައިދޭނެ ފެންވަރު ރަނގަޅު ވާހަކަތަކެއް އުފެއްދުމެވެ.

ވަކިން ޚާއްޞަކޮށް، ފުރާވަރުގެ ކުދިންގެ މެދުގައި ދިވެހި ބަހުން ލިޔެފައި ހުންނަ ވާހަކަތައް މުޖުތަމަޢަށްނެރެ، އެވާހަކަ ކިޔުމަށް ކުދީންގެ ޝައުޤުވެރިކަން އުފެއްދުމަކީވެސް މި މުބާރާތުގެ އެއް އަމާޒެކެވެ.

ފުރާވަރުގެ ކުދިންނަށް ޚާއްޞަ ގިންތިއެއް ކަނޑައެޅީ، އެކުދިންގެ މަދްރަސީ ދައުރުގައި ތަޖުރިބާކުރާ ކަންކަމުގެ މައްޗަށް ބިނާކޮށް، ޚިޔާލީ ވާހަކަ ލިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމަށެވެ. މިއީ ޒުވާންނުންގެ މެދުގައި ދިވެހިބަސް ދިރުވައި އަޅާކުރުމުގެ ގޮތުން ބާއްވާ މުބާރަތަކަށް ވުމުން މިފުރުޞަތުގެބޭނުން ވީހާވެސް ގިނަ ދަރިވަރުން ބައިވެރިވުމަށް ސްކޫލް މަދްރަސާތަކުންނާއި، ކޮލެޖު ޔުނިވާސިޓީ ފަދަ މުއަސަސާތަކުން ޓީޗަރުންނާއި ބެލެނެވެރިން ބާރުއެޅުމަކީ ރަސް އޮންލައިންގެ ވަރަށް ބޮޑު އެދުމެކެވެ.

މުބާރާތުގެ އުސޫލުތައް:

1. މިމުބާރާތުގައި ލިޔާ ވާހަކައެއް ބިނާވެގެންވާނީ އެބައިވެރިޔަކު ލިޔަން އިޚްތިޔާރުކުރާ ކަމެއް ނުވަތަ ކަންތައްތަކެއްގެ މައްޗަށެވެ.

(ހ) 13 އަހަރާއި 18 ދެމެދުގެ އުމުރުފުރާގެ ކުދިން ލިޔާ ވާހަކަތައް ވާންވާނީ އެކުދީންގެ އުމުރާގުޅޭ، އަދި އެ އުމުރުގެ ކުދީން ކިޔާ ހިތްވާފަދަ ވާހަކައަށެވެ. އަދި އިސްލާމްދީނުގެ އަސާސްތަކާ ފުށުއެރުމެއްނެތް، އަދި ދިވެހި އިޖްތިމާއީ އަޚްލާޤީ މިންގަނޑުން ބޭރުވާފަދަ މަންޒަރުތައް ސިފަވެގެން ނުދާނެ ފަދަ ގޮތަކަށް ލިޔެވިފައިވާ ވާހަކަތަކަށެވެ.

(ށ) 18 އަހަރުން މަތީގެ މީހުން ލިޔާ ވާހަކަތައް ބިނާވާންވާނީ ޢިބްރަތްތެރި އަދި އިސްލާމްދީނުގެ އަސާސްތަކާ ފުށުއެރުމެއްނެތް، އަދި ދިވެހިންގެ އިޖްތިމާއީ އަޚްލާޤީ މިންގަނޑުން ބޭރުވާފަދަ މަންޒަރުތައް ސިފަވެގެން ނުދާނެ ފަދަ ގޮތަކަށް ލިޔެވިފައިވާ ވާހަކަތަކަށެވެ.

2. މި މުބާރާތުގައި ލިޔާ ވާހަކަތައް ހުންނަންވާނީ ޓައިޕްކޮށްފައެވެ.

3. ވާހަކައިގެ ބޭރުގައި ވާހަކައިގެ ނަމާއި، ވާހަކަ ލިޔުނު ލިޔުންތެރިޔާގެ ނަމާއި، ރަށާއި، އެޑުރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔަންވާނެއެވެ.

4. ވާހަކައިގެ ކޮންމެ ޞަފްޙާއެއްގައި ޞަފްޙާ ނަންބަރު ލިޔަންޖެހޭނެއެވެ.

5. ވާހަކައިގެ ކޮންމެ ސަފްހާއެއްގެ ތިރީގައި ވާހަކަ ލިޔުނު ލިޔުންތެރިޔާގެ ނަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔަންޖެހޭނެއެވެ.

6. ބައިވެރިން ހުޅަހަޅާ ވަހަކައިގެ އެއްވެސް ޞަފްޙާއެއްގެ އަރިމަތީގައި ޞަފްޙާ ނަންބަރާއި، ނަމާއި، އައިޑީކާޑު ނަންބަރު ފިޔަވައި އެހެންއެއްވެސް މައުލޫމާތެއް ލިޔެފައިހުރެގެން ނުވާނެއެވެ. މިދެންނެވި ކަންތަތަކާ ހިލާފަށް އޮތް ވާހަކައެއް ނަމަ އެވާހަކައެއް ބާތިލް ކުރެވޭނެއެވެ.

7. މި މުބާރާތުގައި ލިޔާވާހަކައިގެ ދިގުމިން 1500 ލަފްޒަށްވުރެ އިތުރުވެގެން ނުވާނެއެވެ.

8. މި މުބާރާތަށް ހުށަހަޅާ ވާހަކަ ވާންވާނީ މި މުބާރާތަށްޓަކައި ލިޔާ ވާހަކައަކަށެވެ.

9. އެހެން މުބާރާތެއްގައި ބައިވެރިކޮށްފައިވާ ވާހަކައެއް މި މުބާރާތަށް ހުށަހަޅައިގެން ނުވާނެއެވެ.

10. މި މުބާރާތަށް ހުށައަޅާ ވާހަކައަކީ މި މުބާރާތުގައި ބައިވެރިވާ ފަރާތުގެ އަމިއްލަ އުފެއްދުމަކަށް ވާންޖެހޭނެއެވެ.

11. މިމުބާރާތުގައި ބައިވެރިއަކަށް އެއްވާހަކައަށްވުރެ ގިނައިންވެސް ހުޅަހެޅިދާނެއެވެ.

ވާހަކަ ލިޔާއިރު ސަމާލުކަންދޭންޖެހޭ އިތުރު ނުކުތާތައް:

(ހ) ފަރުމާ ފޮންޓް ބޭނުންކުރުން

(ށ) ފޮންޓް ސައިޒު 14 ގައި ބެހެއްޓުން

(ނ) ކަޅުކުލައިން ލިޔުން

(ރ) ލިޔުމުގެ ދެފޮޅުވަތުގެ ދޭތެރޭގައި 1.5 ހުރުން

މި މުބާރާތައް ވާހަކަ ހުށަހަޅަންވާނީ ޕީޑީއެފް ފައިލަކާއި ވަރޑް ފައިލެއްގެ ގޮތުގައެވެ. އިންސާފުކުރުމަށް ފަނޑިޔާރުން ބޭނުން ކުރާނީ ޕީޑީއެފް ފައިލެވެ.

ވާހަކަ ހުށަހެޅުމުގެ ސުންގަޑި:

"ރަސް އޮންލައިން ކުރުވާހަކަ މުބާރާތް 1447" ގައި ބައިވެރިވުމަށް މިއަދުން ފެށިގެން ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް މިވަނީ ހުޅުވާލާފައެވެ. ސުންގަޑިއަކީ 28 ފެބްރުއަރީ 2026 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 އެވެ. ވާހަކަ ހުށައަޅާނީ ރަސްއޮންލައިންގެ އީމެއިލް [email protected] އަށެވެ.

މުބާރާތުގެ ފަނޑިޔާރުން:

މިމުބާރާތުގައި އިންސާފުކޮށްދެއްވާނީ ދާއިރާގެ ތަޖުރިބާކާރު 03 ފަނޑިޔާރުން ހިމެނޭ ޓިމަކުންނެވެ. އަދި މި މުރާތުގައި ރަން ވަނަތައް ހާސިލް ކުރާ ފަރާތްތަކަށް ފައިސާގެ އިނާމާއި، މި ދާއިރާއިން އިތުރަށް ކުރިއަށް ގޮސް، ވާހަކަތައް އިޝްތިހާރު ކުރުމަށް ޕްލެޓްފޯމެއް ލިބިގެން ދާނެއެވެ.

އިނާމްތައް:

- 01 ވަނަ އަށް ހޮވޭ ވާހަކައަށް 5000 ރުފީޔާގެ ފައިސާގެ އިނާމު އަދި ރަސްއޮންލައިން ގައި ވާހަކަ ލިޔުމުގެ 01 އަހަރު ދުވަހުގެ ކޮންޓްރެކްޓް/ 3000 ރުފިޔާގެ ވައުޗަރ

- 02 ވަނަ އަށް ހޮވޭ ވާހަކައަށް 3000 ރުފިޔާގެ ފައިސާގެ އިނާމު އަދި ރަސްއޮންލައިން ގައި ވާހަކަ ލިޔުމުގެ 01 އަހަރު ދުވަހުގެ ކޮންޓްރެކްޓް/ 2000 ރުފިޔާގެ ވައުޗަރ

- 03 ވަނަ އަށް ހޮވޭ ވާހަކައަށް 1000 ރުފިޔާގެ ފައިސާގެ އިނާމު އަދި ރަސްއޮންލައިން ގައި ވާހަކަ ލިޔުމުގެ 01 އަހަރު ދުވަހުގެ ކޮންޓްރެކްޓް/ 1000 ރުފިޔާގެ ވައުޗަރ

ހަމަ އެއާއެކު މި މުބާރާތަށް ހުށަހެޅޭ ވާހަކަތަކުގެތެރެއިން އެންމެ ރަނގަޅު 10 ވާހަކަ ރަސްއޮންލައިންގައި ޝާއިޢުކުރެވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 9394 956 960+ ވަޓްސްއަޕް މެދުވެރިކޮށް މެސެޖްކުރެއްވުންމުން އިތުރުމައުލޫތު ލިބިލައްވާނެއެވެ.

ކުރުވާހަކަ މުބަރާތުގެ އިތުރުން ރަސްއޮންލައިންވަނީ ކުރީ އަހަރެކޭ އެއްގޮތަށް އަންނަ ރޯދަމަހުގައިވެސް ނޫހުގެ ކިޔުންތެރިންނަށް ހާއްސަކޮށްގެން އެންމެ މަގްބޫލު ރޯދަ ވީއްލުމުގެ ޕްރޮގްރާމު އަންނަ ރޯދަމަހުވެސް ކުރިގެންދިޔުންމަށް ނިންމާފައެވެ.

މިޕްރޮގްރާމުގެތެރެއިން ގްރޭޓަރ މާލެ ސަރަޙައްދާއި އައްޑުސިޓީއާއި ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށިސިޓީގައި ހިމެނޭ ރެސްޓޯރައްޓްތަކުގެ ތެރެއިން އެންމެ މަގްބޫލުކަމަށް ކިޔުންތެރިން ކަނޑައަޅާ ޖުމްލަ 25 ރެސްޓޯރެންޓަކުން ޖުމްލަ 100 ފަރާތަކަށް ރޯދަވީއްލުން ލިބިގެންދާނެއެވެ. މަގްބޫލް ރޯދަވީއްލުމުގެ އިތުރުންވެސް ރަސްގެ ކިޔުންތެރިންނަށް ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ



ކިޔުންތެރިންގެ ހިޔާލު