ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "މޭ ހޫ ނާ" ގެ ދެވަނަ ބައެއް އުފެއްދުމުގެ ތައްޔާރީތައް ޑައިރެކްޓަރު ފަރާ ޚާން ފަށާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާ އަދި މިޑް-ޑޭ ފަދަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިލްމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

2004 ވަނަ އަހަރު ރިލީޒްކުރި "މޭ ހޫ ނާ" އަކީ ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާންގެ އިތުރުން ސުޝްމިތާ ސެން، ޒައިދު ޚާން، އަމްރިތާ ރާއޯ އަދި ސުނިލް ޝެޓީ ފަދަ ތަރިން ފެނިގެންދިޔަ، އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ. މި ފިލްމަކީ ފަރާ ޚާންގެ ފުރަތަމަ ޑައިރެކްޝަން ކަމަށްވާއިރު، މިއީ އޭރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ފަރާހް ހާން ވަނީ މި އަހަރުގެ ފަހުކޮޅު އާ ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށް ބުނެފައެވެ. އަދި އެ ފިލްމަކީ ވެސް ޝާހްރުކް ޚާން އާއެކު އުފައްދާ ފިލްމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން ފިލްމެއްކަން އޭރު ހާމައެއް ނުކުރެއެވެ.

ނަމަވެސް، ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ފަރާ ތައްޔާރުވަމުން އަންނަނީ "މޭ ހޫ ނާ 2" އަށެވެ. މިހާރު ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ކުރިއަށްދާއިރު، މި ފިލްމުގައި ޝާހްރުކް ޚާން ފެނިގެންދާނީ ޑަބަލް ރޯލަކުން ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން، ފުރަތަމަ ބައިން ފެނިގެންދިޔަ ގިނަ ކާސްޓުންތަކެއް ދެވަނަ ބައިން ވެސް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާތަކުން ބުނެއެވެ.

މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ޝާހްރުކްގެ "ކިންގް" ފިލްމުގެ މަސައްކަތްތައް މުޅިން ނިންމާލުމަށްފަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު