ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ސަރުކާރުން ދޭ "ރޯދަ ހަދިޔާ" މާލެ ސަރަހައްދުގައި މިހާރު ކަނޑައަޅާފައިވާ މަރުކަޒުތަކުން ދޫކުރުން މި މަހުގެ 11 ވަނަ ދުވަހަށް ނިންމާލުމަށްފަހު، އޭގެ ފަހުން ހަދިޔާ ދޫކުރާނީ މިފްކޯ ފިހާރައިން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުންނެވެ.

އެގޮތުން ވަޒީރު ވިދާޅުވީ، ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް މިހާރު ކަނޑައަޅާފައިވާ ލޮކޭޝަންތަކުން މަސްދަޅު ދޫކުރުން ކުރިއަށްދާނީ ފެބްރުއަރީ 11 ގެ ނިޔަލަށް ކަމަށެވެ. އަދި އެ ތާރީޚަށްފަހު މަސްދަޅު ކޭސް ނުނަގާ ހުރި ގޭބިސީތަކަށް ހަދިޔާ ލިބޭނީ މިފްކޯ ފިހާރައިން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ 65،230 ޑޮމެސްޓިކް މީޓަރު ހުރިއިރު، ސަރުކާރުން މަސްދަޅު ދޫކުރަމުންދަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ. ސިޓީތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ 53.5 އިންސައްތަ ގޭބިސީއަށް ވަނީ މަސްދަޅު ކޭސް ހަވާލުކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސް ދޫކޮށްފައިވަނީ ގަލޮޅު ދަނޑުގައި ޤާއިމުކޮށްފައިވާ މަރުކަޒުތަކުންނެވެ.

ރޯދަ ހަދިޔާ ބެހުމުގެ މި މަސައްކަތް ސިޓީތަކާ ބެހޭ ވުޒާރާއާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ފަށާފައިވަނީ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. މާލެ ސަރަޙައްދުގައި މިހާރު މަސްދަޅު ދޫކުރަމުންދަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 20:30 އިން 23:00 އަށެވެ.

ވަޒީރު ވިދާޅުވީ، އަތޮޅުތެރޭގެ ހުރިހާ ރަށަކަށް މިހާރު މަސްދަޅު ކޭސްތައް ފޮނުވާފައިވާ ކަމަށެވެ. ރަށްރަށުގައި މަސްދަޅު ބެހުމުގެ އިންތިޒާމުތައް ހަމަޖައްސައި، އެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ރަށު ކައުންސިލްތަކުންނެވެ.

މި ހަރަކާތަކީ ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.



ކިޔުންތެރިންގެ ހިޔާލު