ގއ. ކޮލަމާފުށީގެ ހުޅަނގު ފަރާތުގައި މި ދައުރުގައި ކައުންސިލުން އަލަށް ތަރައްގީކުރި 800 މީޓަރުގެ މަގުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ބާރުުސްޕީޑެއްގައި ކުރިއަށްދާކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ ތަފްސީލް ހިއްސާކުރަމުން ކައުންސިލުން ބުނީ، މަގުބައްތި ހަރުކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކުގެ ތެރެއިން މިހާރު ކޭބަލް އެޅުމުގެ މަސައްކަތާއި، ބައްތިތައް ހަރުކުރާނެ ބުޑުތައް އެޅުމުގެ އިތުރުން ލެވެލްކުރުމުގެ މަސައްކަތްތައް މުޅިން ނިމިފައިވާ ކަމަށެވެ. މިއީ އެ ސަރަހައްދުގެ ދަތުރުފަތުރާއި އާންމު ސަލާމަތަށް ގެނެވޭ މުހިންމު ބަދަލެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއެވެ.

ކައުންސިލްގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން މަގުގެ ހުރިހާ ބައްތިތަކެއް ހަރުކޮށް ނިންމާލުމެވެ. މި މަސައްކަތް ނިމުމުން، ރޭގަނޑު ވަގުތުތަކުގައި އެ މަގު ބޭނުންކުރާ އުޅަނދުފަހަރަށާއި ހިނގާބިގާވެ އުޅޭ ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބި، ރައްކާތެރި މާހައުލެއް ގާއިމުވެގެންދާނެއެވެ.

ކޮލަމާފުށީގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށިގެން ކުރިއަށްދާ މުހިންމު ތަރައްގީގެ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ އުމްރާނީ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް އަންނަނީ ލިބެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު