ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ ކެރިއަރުގައި މިހާތަނަށް ކުޅޭ އެންމެ ބޮޑު ބަޖެޓް ފިލްމު "ޕްރަލޭ" ގެ މަސައްކަތް އަންނަ މެއި މަހު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ ގާތްގަނޑަކަށް 300 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން އުފައްދާ "ޒޮމްބީ ތުރިލާ" އެކެވެ. މި ފިލްމަކީ ރަންވީރުގެ ފިލްމީ ހަޔާތުގައިވެސް މިހާތަނަށް ފެނިގެންދާނެ އެންމެ އަގުބޮޑު އަދި އެންމެ ތަފާތު އެއް މަސައްކަތަށް ވެގެންދާނެ ކަމަށް ރިޕޯޓުތަކުގަައި ވެއެވެ.

މި ފިލްމާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، "ޕްރަލޭ" އަކީ އާދައިގެ ފިލްމަކަށްވުރެ، ބޮލީވުޑްގައި މިހާތަނަށް އުފައްދާ އެންމެ ވަރުގަދަ އެކްޝަން އަދި ވިޝުއަލް އިފެކްޓްސް އެކުލެވޭ ފިލްމަކަށް ހެދުމަށް ވަނީ ރޭވިފައެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ މަޝްހޫރު ޑައިރެކްޓަރު ޖޭ މެހެތާ އެވެ.

މި ފިލްމުގެ ޝޫޓިން މެއި މަހު ފެށުމަށް ތައްޔާރުވަމުންދާއިރު، ރަންވީރު މިހާރު އަންނަނީ މި ރޯލަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމަކީ އިންޑިއާގެ ސިނަމާއަށް އާ ކަންތައްތަކެއް ތައާރަފުކޮށްދޭނެ، ބައިނަލްއަގުވާމީ ފެންވަރުގެ އުފެއްދުމަކަށް ވާނެއެވެ.

ފިލްމުގެ ބޮޑު ބަޖެޓުގެ ބޮޑު ބައެއް ހޭދަކުރުމަށް ހަމަ

ޖެހިފައިވަނީ ފިލްމުގެ ސްޕެޝަލް އިފެކްޓްސް، އަދި ބޮޑެތި އެކްޝަން މަންޒަރުތައް ކުރުމަށެވެ.

މި ފިލްމުގެ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކުރާނެ ކަމަށް ބެލެވެއެވެ. "ޕްރަލޭ" ގެ މަސައްކަތް ނިމި، ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ފަހުކޮޅުގައެވެ.



ކިޔުންތެރިންގެ ހިޔާލު