ކުއްލި ހާލަތްތަކުގައި ބަލިމީހުން ގޮވައިގެން ދަތުރުކުރާ އެމްބިއުލާންސްތަކަށް މަގުމަތިން ޖާގަ ދިނުމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިލްތިމާސްކޮށްފިއެވެ.

އެ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިމަޖެންސީ ހާލަތްތަކުގައި ދަތުރުކުރި އެމްބިއުލާންސްތައް މަގުމަތީގައި ދުއްވާފައި ދިޔަ އެހެން އުޅަނދުތަކުގައި ޖެހި، ނުރައްކާތެރި ދެ ހާދިސާއެއް މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަށެވެ.

އެމްބިއުލެންސަކީ ފުރާނައަށް ނުރައްކާވާ ހާލަތްތަކުގައި ތިބޭ ބަލި މީހުންނަށް އަވަސް ފަރުވާ ފޯރުކޮށްދިނުމަށް ދަތުރުކުރާ އުޅަނދަކަށް ވާއިރު، އެމްބިއުލާންސަށް ޖާގަ ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެއީ ގާނޫނީ ވާޖިބެއްގެ އިތުރުން އެކަކު އަނެކަކަށް އެހީތެރިވުމުގެ ގޮތުން އަދާކުރަން ޖެހޭ ފަރުދީ ޒިންމާއެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްބިއުލެންސްގެ ސައިރަންގެ އަޑު އިވުމާއެކު، ވަގުތުން މަގު ދައްކައި އެމްބިއުލެންސަށް ދަތުރު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ އެވަގުތަކު މަގުމަތީގައި އުޅަނދު ދުއްވާ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއް ކަމަށް އޭއީއެޗް އިން ހަނދާންކޮށްދީފައިވެއެވެ. އަދި މިފަދަ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށާއި އާންމުން ހޭލުންތެރިކުރުވުމަށްޓަކައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން ހާއްސަ ކެމްޕެއިނެއް ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

އޭއީއެޗް އިން އިތުރަށް ބުނެފައިވަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހޮސްޕިޓަލުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ހޮސްޕިޓަލުން މިފަދަ އިލްތިމާސެއް ކޮށްފައި މިވަނީ، އައްޑޫ ސިޓީގެ ހިތަދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކު ގޮވައިގެން ހޮސްޕިޓަލަށް ދިޔަ އެމްބިއުލެންސެއް، ކާރެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ދަނޑިވަޅެއްގައެވެ. މަޢުލޫމާތު ލިބޭގޮތުގައި އެ ހާދިސާ ހިނގީ އިމަޖެންސީގައި އެމްބިއުލާންސެއް ބާރަށް ދުއްވާފައި ދަނިކޮށް، ކުއްލިއަކަށް މަގަށް ނުކުތް ކާރެއްގައި ޖެހިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް