އައްޑޫ ސިޓީގެ މިސްކިތްތަކުގައި މި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވުމަށް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި މޭޔަރު ނިޒާރު ވިދާޅުވީ، މިދިޔަ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގުޅިގެން ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އިހްޔާކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.

އެގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއް ހަރަކާތަކީ، އައްޑޫ ސިޓީގެ އެކި އަވަށްތަކުގެ މިސްކިތްތަކުގައި ކޮންމެ ދުވަހަކުވެސް ދީނީ ދަރުސް ދިނުމުގެ އިންތިޒާމު ހަމަޖެއްސުން ކަމަށް ނިޒާރު ފާހަގަކުރެއްވިއެވެ. މިއީ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، ރަމަޟާން މަހުގެ މަތިވެރިކަން ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މޭޔަރުގެ ވާހަކަފުޅުގައި، ރަމަޟާން މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ހުރިހާ ރައްޔިތުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

"ކުޅިވަރާއި އެހެނިހެން ކަންކަމަށް ވަގުތު ހޭދަނުކޮށް، އަހަރަކު އެއްފަހަރު މި ލިބޭ ސަވާބުގެ މޫސުމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަކީ އަޅުގަނޑުމެން އެދޭ ގޮތް،" ނިޒާރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު