ފުލުހުންގެ މުއައްސަސާގެ ލީޑާޝިޕް އަވަސް އަވަހަށް ބަދަލުވުމަކީ އެ މުއައްސަސާ އިސްލާހުކުރުމަށް ކުރެވޭ ދިގު މުއްދަތުގެ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ސީޕީ ހަމީދު މިހެން ވިދާޅުވީ، ފުލުހުންގެ ހިދުމަތުގައި ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ނަވީން ރިޓަޔާކުރެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުކުރެއްވި ލިޔުމެއްގައެވެ. ހަމީދު ފާހަގަކުރެއްވި ގޮތުގައި، އެއްވެސް ޕްރޮފެޝަނަލް ހިދުމަތެއްގެ އެންމެ މަތީ މަގާމުގައި ތިބޭ ބޭފުޅުން ކުރު މުއްދަތެއްގެ ތެރޭގައި ބަދަލުވުމަކީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.

"ލީޑާޝިޕް ތަކުރާރުކޮށް ބަދަލުވަމުންދާނަމަ، ދިގު މުއްދަތުގެ އިސްލާހީ މަސައްކަތްތައް ހުއްޓުމަކަށް އާދޭ. ސިޔާސަތުތަކުގެ އިސްކަންދޭ ތަރުތީބު ބަދަލުވޭ، ވަގުތު ފާއިތުވަމުންދާ ވަރަކަށް، މީގެ ސަބަބުން އާންމުންގެ އިތުބާރު ގެއްލިގެންދޭ،" ހަމީދު ލިޔުއްވާފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިފަދަ ބަދަލުތަކުގެ ސަބަބުން ފުލުހުންގެ މުއައްސަސާ ހިނގަމުންދަނީ ގައުމީ މަސްލަހަތުގައިތޯ ނުވަތަ ސިޔާސީ މަންފާއަކަށްތޯ އާންމުންގެ މެދުގައި ސުވާލު އުފެދޭ ކަމަށެވެ. އަދި ޑިމޮކްރަޓިކް އުސޫލުތަކާ ދުރުވަމުންދާ ސަރުކާރަކުން، ސިޔާސީ ގޮތުން ކޮންޓްރޯލް ކުރެވޭނެ ފަދަ ކޮމިޝަނަރަކު އައްޔަންކުރުމުގެ ފުރުސަތު އޮންނަކަންވެސް ހަމީދު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ޑިމޮކްރަޓިކް ފުލުހުންގެ ހިދުމަތަކަށް ބޭނުންވަނީ ސިޔާސީ ނުފޫޒަށް ނޫނެކޭ ބުނަން ކެރޭ، ގާބިލު ބޭފުޅެއް ކަމަށް ހަމީދު ވިދާޅުވިއެވެ.

"ކޮމިޝަނަރަކީ ޕްރޮފެޝަނަލް ގޮތުން ގާބިލު، ސިޔާސީ ގޮތުން ވަކިފަރާތަކަށް ނުޖެހޭ، އަދި ސިޔާސީ ނުފޫޒުތަކަށް ނޫނެކޭ ބުނުމުގެ ގާބިލުކަން ހުރި މީހަކަށް ވާން ޖެހޭ. އެއީ އޭރަކު އޮންނަ ސިޔާސީ ބާރުތަކުގެ ބަދަލުގައި، ގާނޫނުއަސާސީއާއި ގާނޫނަށް ވަފާތެރިވުން ލާޒިމު މަގާމެއް،" ހަމީދު ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން، ޕޮލިސް ކޮމިޝަނަރު އައްޔަނުކުރުމުގެ ބާރު އޮންނަ ޕޮލިސް ބޯޑުގެ ބާރުތައް އަތުލައި، އެ ބޯޑު ބަލިކަށި ކުރުމުގެ ވިސްނުމެއް މިހާރުގެ ސަރުކާރުން ގެންގުޅެމުންދާ ކަމަށްވެސް ކުރީގެ ސީޕީ ހަމީދު ވަނީ ތުހުމަތު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު