ޖަލުގައި ސިނގިރޭޓު ބޯ މީހުންނަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅަންޖެހޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ އެކްޓަރު ރާޖްޕާލް ޔާދަވް ބުނެފިއެވެ.

ރާޖްޕާލް މިހެން ބުނެފައިވަނީ 9 ކްރޯޑް ރުޕީސްގެ ދަރަނީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރުމަށްފަހު ބެއިލް ލިބި، މިނިވަންވުމަށްފަހު ދިން އިންޓަވިއުއެއްގައެވެ.

ރާޖްޕާލް ބުނި ގޮތުގައި، ޖަލުގައި ހޭދަކުރި ދުވަސްތަކުގައި އޭނާއަށް ފާހަގަކުރެވުނު އެންމެ ބޮޑު އެއް މައްސަލައަކީ، ސިނގިރޭޓު ބޯ މީހުންނާއި ނުބޯ މީހުން އެއްތަނެއްގައި ބައިތިއްބާތީ ކުރިމަތިވާ ދަތިތަކެވެ.

އޭނާ ފާހަގަކުރި ގޮތުގައި، ސިނގިރޭޓުގެ ދުމުގެ ސަބަބުން ނުބޯ މީހުންނަށް ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ނުހަނު އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ. އެހެންކަމުން، ޖަލުތަކުގައި 'ސްމޯކިންގ ޒޯން' ތަކެއް ހުރުމަކީ އެންމެންގެ ހައްގުތައް ހިމާޔަތްކުރުމަށް މުހިންމު ކަމެއް ކަމަށް އޭނާ ގަބޫލުކުރެއެވެ.

މީގެ އިތުރުން، ޖަލުގެ ތަޖުރިބާއާ ގުޅޭގޮތުން ވާހަކަދައްކަމުން ރާޖްޕާލް ބުނީ، ޖަލަކީ މީހުން އިސްލާހުކުރާ ތަނަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ޖަލުގައި ހުންނަ އުސޫލުތައް ހުންނަންވާނީ އިންސާނީ ކަރާމާތަށް އުނިކަން ނުލިބޭ ފަދަ ގޮތަކަށް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ރާޖްޕާލް ޔާދަވްއަކީ ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރަކަށްވާއިރު، ޖަލު އިސްލާހުކުރުމާ ގުޅޭގޮތުން އޭނާ މިފަދަ ވާހަކަތަކެއް ދެއްކުމުން ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ.

9 ކްރޯޑް ރުޕީސްގެ ދަރަނީގެ މައްސަލައިގައި ރާޖްޕާލް ޖަލަށް ދާންޖެހުނީ އޭނާ އަމިއްލައަށް ޑައިރެކްޓްކުރި ފިލްމެއް އުފެއްދުމަށް ނެގި ލޯނެއް އަނބުރާ ނުދެއްކުމުގެ ސަބަބުންނެވެ. އޭނާއަށް ބެއިލް ލިބިފައިވަނީ މާރޗް 18 އާ ހަމައަށެވެ. މި މައްސަލައިގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކުން ވަނީ ރާޖްޕަލް އާ އެއްކޮޅަށަ އަޑު އުފުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު