ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ބޮބީ ޑިއޯލް ލީޑް ރޯލުން ފެނިގެންދާ އާ ފިލްމު "ބަންދަރު" ސިނަމާތަކަށް ގެންނާނެ ތާރީޚު އިއުލާންކޮށް، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.

ކުޅަދާނަ ޑައިރެކްޓަރު އަނޫރާގް ކޭޝަޕް ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ތުރިލާ ސިނަމާތަކަށް ރިލީޒްކުރަން ނިންމާފައިވަނީ 22 މެއި 2026 ގައެވެ.

އުމުރުން 57 އަހަރުގެ ބޮބީ ޑިއޯލް، ފަހަކަށް އައިސް ފިލްމުތަކުގައި ވަރުގަދަ ސަޕޯޓިން ރޯލުތަކުން ފެންނަމުންދިޔަ ނަމަވެސް، "ބަންދަރު" އަކީ އޭނާ ވަރަށް ތަފާތު އަދި ވަރުގަދަ ލީޑް ރޯލަކުން ފެނިގެންދާނެ ފިލްމެކެވެ. މިއީ އަނޫރާގް ކޭޝަޕާއި ބޮބީ އެކުގަައި މަސައްކަތް ކުރާ ފުރަތަމަ ފިލްމުވެސް މެއެވެ.



މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ސާނިއާ މަލްއުތުރާ، ސަޕްނާ ޕައްބީ، ސާބާ އާޒާދު، އިންދަރުޖީތު ސުކްމަރަން، ރިދީ ސެން، ޖޯޖޫ ޖޯޖް، ރާން ބީ ޝެޓީ އަދި ޖިތެންދުރަ ޖޯޝީ އެވެ.

މި ފިލްމު އާންމުކޮށް ސިނަމާތަކަށް ދޫކޮށްލަން ތައްޔާރުވަމުން އަންނައިރު، މިދިޔަ އަހަރު ބޭއްވި ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ވަނީ މި ފިލްމު ޕްރީމިއާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު