މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ކުއްލި ގޮތަކަށް ބަންދުކުރުމާ ގުޅިގެން، ރާއްޖެއިން ދުބާއީއަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓެއް އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފިއެވެ.

މާލެއިން ދުބާއީއަށް މިއަދު މެންދުރުފަހު ފުރި ފްލައި ދުބާއީގެ އެފްޒެޑް 1026 ފްލައިޓް އަނބުރާ ވީއައިއޭއަށް ޖައްސާފައިވަނީ، ވައިގެ މަތީގައި ގަޑިއިރަކާއި 45 މިނިޓެއްހާއިރު ދަތުރުކުރި ފަހުންނެވެ. މި ބޯޓު އަނބުރާ ޖައްސަން ޖެހުނީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ސަލާމަތީ ސަބަބުތަކަށްޓަކައި އެ ސަރަހައްދުގެ ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެންނެވެ.

ޔޫއޭއީ ހިމެނޭ ގޮތަށް އެ ސަރަހައްދުގެ ވައިގެ ބަނދަރުތައް ބަންދުކުރަން މަޖުބޫރުވީ، އިސްރާއީލުން ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ޔޫއޭއީގައި ހުރި އެމެރިކާގެ މިލިޓަރީ ބޭސްއަށް ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. މި ހަމަލާތަކާ ގުޅިގެން އީރާން، ޔޫއޭއީ، ގަތަރު، ކުވައިތު އަދި ބަހްރޭންގެ ވައިގެ ސަރަހައްދު މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

މި ކުއްލި ބަދަލާއެކު، އެ ސަރަހައްދުގެ ވައިގެ މަގުތަކުން ދަތުރުކުރަމުންދިޔަ ގިނަ އަދަދެއްގެ ބޯޓުތަކެއް ވަނީ އެހެން އެއާޕޯޓުތަކަށް ޑައިވާޓްކުރަން ޖެހިފައެވެ. މީގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދިޔަ ބޯޓުގެ އިތުރުން، އެކި ގައުމުތަކުން ދުބާއީއަށާއި އެ ސަރަހައްދުގެ އެހެން ސިޓީތަކަށް ދަތުރުކުރި ފްލައިޓްތައް ހިމެނެއެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިސްރާއީލުން ހިންގަމުންދާ އުދުވާނުތަކަށް ރައްދު ދިނުމުގެ ގޮތުން ކުރިއަށް އޮތް ތަނުގައި ވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އީރާނުން އަންނަނީ ދެމުންނެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު