މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައިވާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާލުގައި ޖެހިފައި ތިބި ފަސިންޖަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް މިއަދު ބައްލަވާލައްވައިފިއެވެ.

އެއާޕޯޓަށް ކުރެއްވި މި ޒިޔާރަތުގައި، ފްލައިޓްތައް މެދުކަނޑާލުމުގެ ސަބަބުން ދަތުރު ނުކުރެވިފައި ތިބި ފަސިންޖަރުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އެއާޕޯޓުން ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު މިނިސްޓަރު ވަނީ އޮޅުންފިލުއްވާފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މެދުއިރުމަތީގެ މަސްރަހު މިހާރު އޮތް ގޮތް ވަރަށް ގާތުން އަންނަނީ މޮނިޓަރު ކުރަމުންނެވެ. އަދި ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ދަތިތަކާ ކުރިމަތިލާންޖެހުނު 1400 އަށްވުރެ ގިނަ ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދާއިރާގެ ހިއްސާދާރުންނާ ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މި ފަސިންޖަރުން ތިބޭނެ ތަންތަން ހަމަޖެއްސުމަށްޓަކައި ކަމާބެހޭ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނާއި އެކި ޕާޓްނަރުންނާ ގުޅިގެން އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، މި ހާލަތުގައި ހާލުގައި ޖެހިފައިވާ ހުރިހާ ފަސިންޖަރުންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި، ހުރިހާ އެއާލައިންތަކަކާއި ސިނާއީ ބައިވެރިންނާ އެކު ކުރިއަށް އޮތް ތަނުގައި ވެސް މިނިސްޓްރީން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ މިފަދަ ދަނޑިވަޅެއްގައި ފަތުރުވެރިންނަށާއި ދަތުރުވެރިންނަށް ދިމާވާ ދަތިތައް ވީހާވެސް ކުޑަކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު