ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހުޅުމާލެއިން ދޫކޮށްފައިވާ ބިމުން ކުލީގެ ގޮތުގައި ލިބެންޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލުނު މައްސަލާގައި، އެ އެސޯސިއޭޝަންގެ ފަރާތުން އެއްވެސް ފައިސާއަކާ އަމިއްލައަށް ހަވާލުވެފައި ނުވާނެ ކަމަށް ކުރީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ޖަވާޒް ވިދާޅުވެއްޖެއެވެ.

އޮޑިޓް އޮފީހުން ނެރުނު އެފްއޭއެމްގެ ޚާއްސަ އޮޑިޓް ރިޕޯޓްގައި ވަނީ، ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްބޯޅަ ތަމްރީނު މަރުކަޒެއް އެޅުމަށް އެފްއޭއެމަށް ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ބައެއް ބިންތައް 2021 އިން 2024 އަށް 15 ފަރާތަކަށް ސަބްލީޒް ކޮށްފައިވާ ކަމަށެވެ. މި މުއާމަލާތްތަކުން އެފްއޭއެމަށް ގާތްގަނޑަކަށް 52 މިލިއަން ރުފިޔާ ލިބެންޖެހޭއިރު، އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ، މީގެ ތެރޭގައި ހިމެނޭ 14.1 މިލިއަން ރުފިޔާއަކީ ބިންތަކާއި ފްލޯތައް ކުއްޔަށް ދީގެން ނަގުދު ފައިސާ އާއި ޗެކުގެ ގޮތުގައި ލިބިފައިވާ ފައިސާ ކަމަށެވެ. މި ފައިސާއާ ހަވާލުވި ކަމުގެ ރަސީދުތަކުގައި އޭރުގެ އިސްވެރިން ސޮއިކޮށްފައިވީ ނަމަވެސް، އެ ފައިސާ އެފްއޭއެމްގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައެއް ނުވެއެވެ. އަދި އެސޯސިއޭޝަންގެ ހިސާބުތަކުން ވެސް އެ ފައިސާ ފެންނާކަށް ނެތެވެ.

މި ފައިސާއާ ހަވާލުވެ ރަސީދުތަކުގައި ސޮއިކޮށްފައިވަނީ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، ފައިނޭންސް ހެޑް މުހައްމަދު އަގީލްގެ އިތުރުން ޖަވާޒްއެވެ. އޮޑިޓްގައިވާ ގޮތުން އަގީލް 9.9 މިލިއަން ރުފިޔާއާ ހަވާލުވެފައިވާއިރު، ބައްސާމް 3 މިލިއަން އަދި ޖަވާޒް ވަނީ 1.2 މިލިއަން ރުފިޔާގެ ނަގުދު ފައިސާއާ ހަވާލުވެފައެވެ.

މިހާރުގެ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޖަވާޒް ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވީ، އޭނާ އެފްއޭއެމްގެ ފަރާތުން އެއްވެސް ފައިސާއަކާ ހަވާލުވެފައި ނުވާނެ ކަމަށް އޮޑިޓަރުންނަށް ވެސް ކިޔައިދީފައިވާނެ ކަމަށެވެ. ނަމަވެސް، ބައެއް ފަހަރު ޗެކާ ހަވާލުވި ކަމަށް އޭނާ އެއްބަސްވިއެވެ.

"އަޅުގަނޑު އެއްވެސް ލިޔުމަކާ ހަވާލުވެފައިވާނަމަ، އަދި އެއީ މާލީ ލިޔުމެއްނަމަ، އެ ލިޔުމެއް ދާނީ ފައިނޭންސް ޑިޕާޓްމަންޓަށް. އެއީ އަގީލް ނުވަތަ ބައްސާމާ ހަމައަށް." ޖަވާޒް ވިދާޅުވިއެވެ.

އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ބައްސާމް އަދީލް ޖަލީލް މިހާރު ގެންދަވަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި މި މައްސަލާގައި ހިމެނޭ އަގީލް ރާއްޖޭން ބޭރުގައި ފިލައިގެން އުޅެނިކޮށް ދާދި ފަހުން ވަނީ ހައްޔަރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު