ހިންދީ ސިނަމާ ނުވަތަ ބޮލީވުޑްގެ މިހާރުގެ ފިލްމުތަކުން އުފާވެރިކަމާއި، މިއުޒިކާއި، ލޯބީގެ ބައިތައް މަދުވެ، މާބޮޑަށް އަނިޔާވެރިކަމާއި ލޭއޮހޮރުވުން ދައްކުވައިދޭ "ހައިޕަރ-މަސްކިއުލިން" އެކްޝަން ފިލްމުތަކަށް ސަމާލުކަން އިތުރުވަމުންދާތީ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

"ދަ ހޮލީވުޑް ރިޕޯޓަރ އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނީ، މިހާރު އުފައްދާ ގިނަ ފިލްމުތަކުގައި އިސްކަންދެނީ ޖަޒުބާތާއި މުނިފޫހިފިލުވުމަށްވުރެ ބޮޑަށް، އަނިޔާވެރިކަމާއި ބިރުވެރި މަންޒަރުތަކަށް ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ބޮޑު ކާމިޔާބީއެއް ހޯދި 'އެނިމަލް'، 'ޖަވާން' އަދި 'ޕަތާން' ފަދަ ފިލްމުތަކާއެކު، ބޮލީވުޑްގެ މިސްރާބު ހުރީ ހަމައެކަނި އެކްޝަން ފިލްމުތަކަށް ކަމަށް އޭނާ ފާހަގަކުރިއެވެ.

ކަރީނާ ބުނި ގޮތުގައި ކުރީގެ ފިލްމުތަކުން ފެންނަ އުފާވެރިކަމާއި، ކުލަގަދަ މިއުޒިކާއި، ލޯބީގެ ބައިތައް މިހާރު ފެންނަނީ ވަރަށް މަދުންނެވެ.

"މިހާރު ހުރިހާ ފިލްމެއްވެސް ހީވަނީ ތުރިލަރ، ކްރައިމް އަދި ލޭއޮހޮރުވުން ހިމެނޭ ފިލްމުތަކެއް ހެން. މަޖަލެއް، ހަކަތައެއް، ކުލައެއް، ލަަވައެއް ނުވަތަ ލޯތްބެއް ނެތް،" ކަރީނާ ބުންޏެވެ. މީގެ އިތުރުން އަންހެނުންނަށް މުހިންމު ރޯލުތައް ލިބޭ ފަދަ ސްކްރިޕްޓްތައް މިހާރު މަދުވަމުންދާކަންވެސް އޭނާ ފާހަގަކުރިއެވެ.

މި އިންޓަވިއުގައި ބައިވެރިވި ބަތަލާ ކަލްޔާނީ ޕްރިޔަދަރްޝަން ބުނީ، މިކަމަކީ ބެލުންތެރިން ބޭނުންވާ ގޮތަށް ބިނާވެފައިވާ ވަގުތީ ޓްރެންޑެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު