ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި ނުތަނަވަސްކަމުގެ ސަބަބުން، ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ 77 ވަނަ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި އިއްޔެ ފޮނުއްވި މެސެޖެއްގައެވެ. މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިއާރު ކަމަށްވާ "ތަނަވަސް ކޮމަންވެލްތަކަށް އެންމެން ގުޅިގެން ފުރުސަތުތައް ފަހިކުރުން" މިއީ ކޮމަންވެލްތުގެ އާއިލާގެ މެދުގައި އޮތް ގުޅުމާއި ހިއްސާކުރާ އަގުތަކާ ވަރަށް ބޮޑަށް ގުޅޭ ޝިއާރެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޚަލީލް ވިދާޅުވީ، ވޭތުވެދިޔަ 70 އަށްވުރެ ގިނަ އަހަރު ތެރޭގައި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކާއެކުވެސް، ކޮމަންވެލްތަކީ އުންމީދީ މަގަކަށް ވެފައިވާ ކަމަށެވެ. އަދި ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި އޮތް ބައިބައިވުންތަކަށްވުރެ އެއްބައިވަންތަކަމާއި ތަފާތުކަންކަމަކީ، ގައުމުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތް ގޮތުގައި އެންމެނަށް ދެމެހެއްޓެނިވި ތަނަވަސްކަން ހޯދައިދިނުމަށް އޮތް އެންމެ ބޮޑު ބާރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތު ހިމާޔަތް ކުރުމުގައި ކޮމަންވެލްތުން އަދާކުރާ ދައުރަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި އިގްތިސާދީ ކުރިއެރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމުގައި ކޮމަންވެލްތަކީ ރާއްޖޭގެ އަޑު އުފުލައިދޭ މުހިންމު ބައިވެރިއެއް ކަމަށެވެ.

"ދުނިޔޭގެ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެއްބާރުލުން ދިނުމުގެ އަގު ވަޒަނެއް ނުކުރެވޭނެ. ވަކިން ހާއްސަކޮށް ރާއްޖެ ފަދަ ކުދި ގައުމުތަކަށް މިއީ ވަރަށް މުހިންމު ކަމެއް." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮމަންވެލްތުގެ މެންބަރު ގައުމުތަކުން މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރާ ހަރުދަނާ ޕްލެޓްފޯމެއްގެ ގޮތުގައި މި ޖަމިއްޔާ ބޭއްވުމަށް މިނިސްޓަރު ގޮވާލެއްވިއެވެ. އަދި ހުރިހާ މެންބަރު ގައުމުތަކަކަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމުގައި ރާއްޖެއިން އަމަލީ ގޮތުން ބައިވެރިވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، ފޯޅަވަހީގެ މައްސަލައިގައި ކޮމަންވެލްތުގެ މެންބަރު ގައުމެއް ކަމަށްވާ މޮރިޝަސްއިން ރާއްޖެއާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ގައުމަކުން ރާއްޖެއާއެކު އޮތް ގުޅުން ކަނޑާލި ފުރަތަމަ ފަހަރެވެ.

ކޮމަންވެލްތަކީ އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮތް 56 ގައުމެއް ހިމެނޭ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. ރާއްޖެ އެންމެ ފުރަތަމަ މި ޖަމިއްޔާއާ ގުޅުނީ 1982 ގައެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ޖަމިއްޔާއިން ވަކިވުމަށްފަހު، ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނީ 2020 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައެވެ.



ކިޔުންތެރިންގެ ހިޔާލު