މަޝްހޫރު ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ އުފައްދާ ތާރީޚީ ފިލްމު "ލާހޯރް 1947" ގެ ނަން ބަދަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ފިލްމުގެ ޕްރޮޑިއުސަރު އާމިރު ޚާން ދޮގުކޮށްފިއެވެ.

ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ މި ފިލްމުގެ ނަން "ބަޓްވާރާ 1947" އަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ އަޑުފަތުރާފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން އާމިރު ޚާން ބުނީ އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.

"އެ ވާހަކަ އިވުނީ ކޮންތާކުން؟ ނޫން، އަހަރެމެންގެ ފިލްމުގެ ނަމަކަށް ބަދަލެއް ނާދޭ. މިހާރުވެސް އެއީ 'ލާހޯރް 1947'، އަދި އަހަރެން ބޭނުމީވެސް އެ ނަން ބާއްވަން،" އާމިރު ބުންޏެވެ.

މި ފިލްމުގެ ނަމާ މެދު ސުވާލު އުފެދުނީ، ޕާކިސްތާނުގެ ސިޓީއަކަށް ނިސްބަތްކޮށް އިންޑިއާގެ ފިލްމަކަށް ނަން ދިނުމުން އިންޑިއާގެ ބެލުންތެރިން އެކަން ބަލައިނުގަނެފާނެ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާތީއެވެ. އެހެންނަމަވެސް، އާމިރު ބުނިގޮތުގައި އެފަދަ އެއްވެސް ފިއްތުމަކަށް އޭނާ ދޫދޭކަށް ބޭނުމެއް ނުވެއެވެ.

ނަން ބަދަލުކުރުމުގެ ވާހަކަ ދެކެވުނު އަސްލު ސަބަބަކީ "ލާހޯރް" މި ނަމުގެ ރައިޓްސް ނުވަތަ މިލްކުވެރިކަން ޕްރޮޑިއުސަރު-ޑައިރެކްޓަރު ސުނީލް ދަރްޝަންގެ އަތުގައި އޮތުމެވެ. ނަމަވެސް މިހާރު އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ވަރަށް އަވަހަށް އެ މައްސަލަ ހައްލުވާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން ފިލްމުގެ ނަމަކަށް އޮންނާނީ ކުރިންވެސް ނިންމާފައިވާ ގޮތަށް "ލާހޯރް 1947" އެވެ.

ކްލެސިކް ތަމްސީލެއް ކަމަށްވާ "ޖިސް ލާހޯރް ނައި ދޭކްޔާ" އަށް ބިނާކޮށް އުފައްދާ މި ފިލްމުގެ މުހިންމު ރޯލުތަކުން ސަނީ ޑިއޯލް، ޝަބާނާ އަޒްމީ އަދި ޕްރީތީ ޒިންތާ ފެންނާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު