މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ މިދަނޑިވަޅުގައި، ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދިއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންޑިއާގެ އެހީއަށް އެދިފައިވާ މި ދަނޑިވަޅަކީ ދުނިޔޭގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމުގެ ބިރު އޮތް ވަގުތެއްކަމަށް އިޤްތިޞާދީ މާހިރުން ވަނީ ލަފާކޮށްފައެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ރާއްޖެއަށް ތެޔޮ ސަޕްލައި ކޮށްދިނުމަށް އެ ގައުމުގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. ރާއްޖޭގެ އިތުރުން ބަންގްލަދޭޝާއި ސްރީލަންކާ ފަދަ އަވަށްޓެރި ގައުމުތަކުން ވެސް މިފަދަ އެދުންތައް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގޮތެއް ނިންމުމުގެ ކުރިން އަޅުގަނޑުމެންގެ ރިފައިނިން ކެޕޭސިޓީއާއި އެތެރޭގެ ބޭނުންތަކާއި ޑީސަލް ލިބެންހުރި މިންވަރަށް ރިއާޔަތް ކުރާނެ." ޖައިސްވާލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު އެ ރިކުއެސްޓުތައް ބަލައި ދިރާސާ ކުރަމުންދާ ކަމަށެވެ.

ސަރުކާރުން މިކަމުގައި އިންޑިއާގެ އެހީއަށް އެދުނުއިރު، ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ދާދިފަހުން ވިދާޅުވެފައިވަނީ، ހަނގުރާމައާ ގުޅިގެން ތެލާއި ގޭހަށް ނުޖެހޭނެ ކަމަށާއި މެދުކެނޑުމެއްނެތި ކާޑުގެ ބާވަތްތައް ވެސް ލިބޭނެ ކަމަށެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އޭޝިއާގެ ގައުމުތަކަށް އެންމެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ، ތެލާއި ގޭސް އެތެރެކުރުމުގައި ބަރޯސާވާ ސްޓްރެއިޓް އޮފް ހޮރްމޫޒް ހަނގުރާމައިގެ ސަބަބުން ބަންދުވެފައި އޮތުމުންނެވެ. އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި ތެލުގެ އަގު ބޮޑުވުމަކީ ކާބޯތަކެތީގެ އަގަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. ސަބަބަކީ ދަތުރުފަތުރުގެ ޚަރަދު ބޮޑުވުމުން ކާބޯތަކެތީގެ ސަޕްލައި ޗެއިންއަށް ބުރޫއެރުމެވެ.

ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ދިރާސާކުރާ "ގްލޯބަލް ޕެޓްރޯލް ޕްރައިސަސް" އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ 85 އަށްވުރެ ގިނަ ގައުމެއްގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު 10 ގައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު