ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގާ އެހެނިހެން އެއާޕޯޓުތަކުން ވިއްކާ ޖެޓް ފިއުލްގެ އަގު ބޮޑުކޮށްފިއެވެ.

އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް ވިދާޅުވީ، މީގެ ކުރިން 1.19 ޑޮލަރަށް ލިބެން ހުރި ޖެޓް ފިއުލް ލީޓަރެއްގެ އަގު މިހާރު ވަނީ 1.69 ޑޮލަރަށް އުފުލިފައި ކަމަށެވެ. މިއީ ލީޓަރަކުން 50 ސެންޓުގެ އިތުރުވުމެކެވެ. ޝަރީފް ވިދާޅުވީ މިއީ ގާތްގަނޑަކަށް 42 އިންސައްތައިގެ ބޮޑުވުމެއް ކަމަށެވެ.

ފިއުލްގެ އަގަށް މި ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި އީރާނާ ގުޅުންހުރި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެންނެވެ. ފާއިތުވި ހަފުތާތަކުގައި ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. އަދި ސާފުކޮށްފައިވާ ޕެޓްރޯލާއި ޑީސަލް ފަދަ އުފެއްދުންތަކުގެ އަގު ވަނީ ފީފާއަކަށް 170 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ.

ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި މިހާރު ރާއްޖެއަށް ތެޔޮ ލީޓަރެއް އެތެރެކުރުމަށް 19 ރުފިޔާ ހޭދަވެއެވެ. މީގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ތެޔޮ ލީޓަރެއްގެ އަގު 20 ރުފިޔާއަށްވުރެ މައްޗަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ޓިކެޓް އަގުތައް ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ދާދި ފަހުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ވެސް ވަނީ އެ ކުންފުނިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން ޕެޓްރޯލް ލީޓަރަކުން 18.6 އިންސައްތަ އަދި ޑީސަލް ލީޓަރަކުން 26 އިންސައްތަ ވަނީ ބޮޑުކޮށްފައެވެ. މިހާރު ބާޒާރުގައި ތެޔޮ ވިއްކާ އަގުތަކަކީ ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާ އަށް އަދި ޑީސަލް ލީޓަރެއް 17.54 ރުފިޔާ އަށެވެ.



ކިޔުންތެރިންގެ ހިޔާލު