އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު-
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު-
އައްޑޫ ސިޓީގައި ތެޔޮ ވިއްކަމުންދާ އަގުތަކަކީ ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު ނިސްބަތުން މާ ބޮޑު އަގުތަކެއް ކަމަށް ވިދާޅުވެ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީ އިޤްތިޞާދަށް ބޮޑު ލޮޅުމެއް އަރައި މުޅި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖޭގައި ތެލުގެ ވިޔަފާރިކުރާ މައި ކުންފުނި އެސްޓީއޯ އިން ވަނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ތެލުގެ އަގު ބޮޑުކޮށްފައެވެ. އެސްޓީއޯ އިން ގެނައި ބަދަލާއެކު ޕެޓްރޯލް ލީޓަރަކުން 2.51 ރުފިޔާ ބޮޑުވެ، މިހާރު ވިއްކަނީ 16.01 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރަކުން 3.62 ރުފިޔާ ބޮޑުކޮށް، މިހާރު ވިއްކަމުންދަނީ 17.54 ރުފިޔާއަށެވެ. މިއީ ޕެޓްރޯލުން 18.6 އިންސައްތަ އަދި ޑީސަލުން 26 އިންސައްތައިގެ ބޮޑުވުމެކެވެ.

އައްޑޫ މޭޔަރު އަލީ ނިޒާރު ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި މައުލޫމާތުތަކަށް ބަލާއިރު، އައްޑޫ ސިޓީގައި ތެޔޮ ވިއްކާ އަގުތައް ހުރީ އެސްޓީއޯގެ ކޮންޓްރޯލް އަގަށްވުރެ މާ މަތީގައެވެ. ނިޒާރު ވިދާޅުވި ގޮތުގައި އައްޑޫގައި މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 29.26 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 30.13 ރުފިޔާއަށެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން މޭޔަރު ވިދާޅުވީ، މި އަގުތަކަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި ނިސްބަތަށް ބަލާއިރު ބަލައިގަނެވޭނެ އަގުތަކެއް ނޫން ކަމަށެވެ.

"މި އަގުތަކަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި ނިސްބަތުން މާ ބޮޑު އަގުތަކެއް. ގަލްފް ހަނގުރާމައިގެ ދުވަސްވަރު ވެސް މި މިންވަރަށް ތެލުގެ އަގު ބޮޑުކޮށްފައި ނުވާއިރު، މިކަމުގައި ސަރުކާރުން އިތުރަށް ވިސްނުން މުހިންމު ކަމަށް ދެކެން،" ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ތަކެތީގެ އަގު އުފުލެމުންދާތީ، ހުރިހާ ރައްޔިތުންވެސް އިސްރާފު ކުޑަކުރުމަށާއި، ޚަރަދުތައް ކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ނިޒާރު ވަނީ އިލްތިމާސް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު