މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން، މަސްވެރި އާއިލާތަކަށް އިންތިހާއަށް ދަތިވެ، މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ނިކަމެތިކަމެއް ކުރިމަތިވެފައިވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ.

ބީކޭއެމްޔޫއިން މިއަދު ބުނީ، މިފްކޯއިން މިހާރު ޑީސަލް ލިޓަރެއް ވިއްކަމުންދަނީ 28 ރުފިޔާގެ ރޭޓުން ކަމަށެވެ. ތެލުގެ އަގު މިހާ ބޮޑުވެފައިވާއިރު، ބޮޑުކަންނެލި ކިލޯއެއްގެ އަގު ހުރީ 55 ރުފިޔާގައެވެ. މި ހާލަތުގެ ސަބަބުން މަސްދޯނިފަހަރު ދަތުރުތަކަށް ކުރަންޖެހޭ ހަރަދު ބޮޑުވެ، ގިނަ ދޯނިފަހަރުތަކެއް ވަނީ އޮޕަރޭޝަންތައް ހުއްޓާލަން މަޖުބޫރުވެފައެވެ.

މިކަމާ ގުޅިގެން މަސްވެރި އާއިލާތަކަށް ކުރިމަތިވެފައިވާ އިޖުތިމާއީ އަދި އިގްތިސާދީ ދަތިތަކަށް އަލިއަޅުވާލަމުން ބީކޭއެމްޔޫއިން ބުނީ، އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ، އާއިލާތައް ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް ވެއްޓެމުންދާ ކަމަށެވެ. މިއީ ރާއްޖޭގެ އިގްތިސާދުގެ މައި އެއް ތަނބު ކަމަށްވާ މަސްވެރިކަމަށް ލިބޭ ވަރަށް ބޮޑު ހީނަރުކަމެއްގެ ގޮތުގައި އެ ޔޫނިއަނުން ސިފަކުރެއެވެ.



ބީކޭއެމްޔޫއިން ވަނީ ކަމާބެހޭ އެންމެހާ ފަރާތްތަކަށް، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާ ކުރުމަށް ގޮވާލާފައެވެ. މަސްވެރިންނަށް އެކަށީގެންވާ އަގަކަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައި، މަސްވެރިކަން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ މަގެއް ދައުލަތުގެ މުއައްސަސާތަކުން ހޯދައިދިނުމަކީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

މަސްވެރިންގެ ޝަކުވާތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިކަމަށް ދޭނެ ހައްލަކަށް މުޅި މަސްވެރި އާއިލާތަކުން ތިބީ އިންތިޒާރުގައެވެ.

ބީކޭއެމްޔޫ އިން މިހެން ބުނެފައިވާއިރު، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތަކުން ވިއްކާ ތެލުގެ އަގު ބޮޑުވެފައިވާކަން އެންމެ ފަހުން އިއުލާނު ކުރީ މާޗު 5، ގަ އެވެ. އެ ދުވަހު 13.50ރ. އަށް ހުރި ޕެޓްރޯލް ލީޓަރެއް 16.01ރ. ބޮޑުކުރިއިރު 13.92ރ ހުރި ޑީސަލް ލީޓަރެއްގެ އަގު 17.54ރ. ބޮޑުކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު