ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް "ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް" އިން ސަރުކާރަށް ގޮވާލައިފިއެވެ.

ޑްރައިވާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ޓެކްސީ ޑްރައިވަރުންނަށް އިގުތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޑްރައިވަރުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އެ ޖަމިއްޔާއިން ބުނީ، ތެލުގެ އަގާއި ދިރިއުޅުމުގެ އާންމު ހަރަދުތައް އިންތިހާއަށް އުފުލެމުންދާއިރު، ޓެކްސީ ދަތުރުތަކުގެ އަގު ސަރުކާރުން ވަކި މިންގަނޑެއްގައި ހިފަހައްޓާފައި އޮތުމަކީ ޑްރައިވަރުންނަށް ލިބޭ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. މީގެ އިތުރުން، މި ހިދުމަތް ދިނުމުގައި ޑްރައިވަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ވޭތުވެދިޔަ ދިގު މާޒީގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ހުރިހާ މާލީ ބުރައެއް ހަމައެކަނި ޑްރައިވަރުން އުފުލަންޖެހުމަކީ އިންސާފެއް ކަމަށް މި ޖަމިއްޔާއިން ގަބޫލެއް ނުކުރަން." ޑްރައިވާސް އެސޯސިއޭޝަންގެ ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ޑްރައިވާސް އެސޯސިއޭޝަނުން ބުނީ، ތެލާއި ދިރިއުޅުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި، ޓެކްސީ ދަތުރުތަކުގެ އަގުތައް މުރާޖައާކޮށް ބަދަލު ގެނައުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ މުހިންމު ކަމެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކޮށް، ދާއިމީ ހައްލެއް ހޯދުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުގައި މިހާރު ރަސްމީކޮށް އެދިފައިވާނޭ ކަމަށްވެސް ޑްރައިވާސް އެސޯސިއޭޝަނުން މައުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު