ރާއްޖޭގައި ތެޔޮ ލިބޭ އަގު މި ހިނގާ މާޗް މަހުގެ ތެރޭގައި ދެ ފަހަރަކަށް އުފުލުމާ ގުޅިގެން، ބޮޑުކަންނެލި ގަންނަ ކުންފުނި "އެންސިސް ފިޝަރީޒް" އިން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލައިފިއެވެ.

އެންސިސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތެލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އައިސް އުފެއްދުމަށާއި އެ ފޯރުކޮށްދިނުމަށް ހިނގާ ޚަރަދު މިހާރު ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑު ބުރައަކަށް ވެފައި ކަމަށެވެ. މީގެ ކުރިން އެންސިސްއަށް މަސްކިރާ ބޮޑުކަންނެލި މަސްވެރިންނަށް އެ ކުންފުނިން އައީ ހިލޭ އައިސް ފޯރުކޮށްދެމުންނެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން މެދުވެރިވީ އިޒްރޭލާއި އެމެރިކާއިން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުންނެވެ. އަދި މެދުއިރުމަތީގެ ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ބުރޫއަރައި، ތެޔޮ އުފުލާ ބޯޓުފަހަރުގެ ދަތުރުތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

މިކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރަމުންދާއިރު، މިހާރު ތެޔޮ ލިބެނީ ކުރިއަށްވުރެ 40 އާއި 70 އިންސައްތަ ބޮޑު އަގުގައެވެ. އެފްއެސްއެމްގެ އެއްގަމު ޝެޑުތައް ފިޔަވައި އެހެން ތަންތަނުން ވިއްކާ ތެލުގެ އަގު މިދިޔަ ހޯމަ ދުވަހު ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ޕެޓްރޯލް ލީޓަރެއްގެ އަގު 13.50 ރުފިޔާއިން 27.13 ރުފިޔާއަށް އުފުލިފައިވާއިރު، ޑީސަލް ލީޓަރެއްގެ އަގު ވަނީ 13.92 ރުފިޔާއިން 28.32 ރުފިޔާއަށް ބޮޑުވެފައެވެ.

މި ބަދަލާ ގުޅިގެން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޔޫނިއަނުން ބުނިގޮތުގައި ތެލުގެ އަގު މިހާ ބޮޑުވެފައިވާއިރު، މަސްވެރިކަން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ މަގެއް ހޯދައިދިނުމަކީ ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ ކަމެކެވެ. ސަރުކާރުން މަސްވެރިންނަށް ސަބްސިޑީ އަގެއްގައި ތެޔޮ ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވީ ނަމަވެސް، މިއަދާ ހަމައަށްވެސް އެ އިންތިޒާމު ހަމަޖެހިފައި ނުވާކަމަށް މަސްވެރިން ބުނެއެވެ.

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވަނީ ކާޑުގެ ބާވަތްތަކާއި ތެލުގެ ތާށިކަމެއް ކުރިމަތިވިޔަ ނުދޭނެ ކަމަށެވެ. ނަމަވެސް، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ސަލާމަތްވުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު