ރަންވީރު ސިންގު އާއި ޔާމީ ގޯތަމް-
ރަންވީރު ސިންގު އާއި ޔާމީ ގޯތަމް-
އިންތިޒާރު ކުރެވެމުންދިޔަ ބޮލީވުޑް ފިލްމު "ދުރަންދަރު: ދަ ރިވެންޖް" މިއަދު ރިލީޒްކޮށްފައިވާއިރު، މި ފިލްމުގައި މަޝްހޫރު ބަތަލާ ޔާމީ ގޯތަމްގެ ހާއްސަ ފެނިލުމެއް ހިމެނޭކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

އިއްޔެ ހަވީރު 5:00 އިން ފެށިގެން މި ފިލްމު އިންޑިއާގެ އެކި ސަރަހައްދުތަކުގައި ދައްކަން ފަށާފައިވާއިރު، ހުރިހާ ޝޯތަކެއް ވަނީ މުޅިން ފުރިފައެވެ. މި ފިލްމުގައި ޔާމީ ގޯތަމް ފެންނާނެ ކަމަށް މީގެ ކުރިން ބައެއް ފަރާތްތަކުން ބުނި ނަމަވެސް، ފިލްމު ރިލީޒްވުމާއެކު އޭނާ ފިލްމުގައި ހިމެނޭކަން މިވަނީ ޔަގީންވެފައެވެ.

ޔާމީ އަކީ މި ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަދިތިޔާ ދަރުގެ އަންހެނުންނެވެ. މިއީ މި ދެމަފިރިން އެކުގައި މަސައްކަތްކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އަދިތިޔާގެ ފުރަތަމަ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" (2019) އާއި، އޭނާގެ ބީ62 ސްޓޫޑިއޯސްއިން އުފެއްދި "އާޓިކަލް 370" (2024) އަދި "ދޫމް ދާމް" (2025) ގައިވެސް ޔާމީ ވަނީ މުހިންމު ރޯލުތަކެއް އަދާކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހު ބޭއްވުނު "ނިއުސް18 ރައިޒިން ބާރަތު ސަމިޓް 2026" ގައި ވާހަކަދައްކަމުން ޔާމީ ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. "އަހަރެން މިހާރު 'ދުރަންދަރު 2' ބަލައިފިން. އެއީ އާދައިގެ ފިލްމެއް ނޫން. ފިލްމު ބަލާފައި އަހަރެން ވަރަށް އަސަރުކުރި. އަދިތިޔަ އަކީ އޭނާގެ ބެލުންތެރިންނާއި ގައުމު ދެކެ ލޯބިވާ މީހެއް. އޭނާގެ މުޅި ހަޔާތުގެ މަސައްކަތް މި ފިލްމަށްޓަކައި ވަނީ ހުސްކޮށްފައި. 'ދުރަންދަރު 2' ވެގެންދާނީ ބެލުންތެރިން ދުވަހަކުވެސް ހަނދާން ނުނެތޭނެ ތަޖުރިބާއަކަށް،" ޔާމީ ބުނެފައިވެއެވެ.

"ދުރަންދަރު: ދަ ރިވެންޖް" އަކީ 2025 ވަނަ އަހަރު ރިލީޒްކުރި "ދުރަންދަރު" ގެ ސީކުއަލްއެކެވެ. މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ރަންވީރު ސިންގް، އަކްޝޭ ކަންނާ، ސަންޖޭ ދަތު، އާރް މާދަވަން، އަރުޖުން ރާމްޕާލް އަދި ސާރާ އަރުޖުން ހިމެނެއެވެ. މި ފިލްމަކީ ޕާކިސްތާނަށް ވަދެ އެ ގައުމުގެ ސިޔާސީ އަދި އަސްކަރީ ނިޒާމު ގުޑުވާލާ އިންޑިއާގެ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފަހަރުގެ ފިލްމުގައި އޭނާ ޕާކިސްތާނަށް ދިއުމުގެ ކުރިން އުޅުނު ދިރިއުޅުމުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު