ގޯތަމް ސިންހާނިއާ
ގޯތަމް ސިންހާނިއާ
ވ. ފެލިދޫ ކައިރީ ކަނޑުމަތީގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި ހާދިސާއަކީ ލޯންޗު އޭގެ ޒާތުގައި ބަންޑުން ޖަހާލައިގެން ހިނގި ހާދިސާއެއް ކަމަށް ނުބެލެވޭ ކަމަށާއި، އެއީ އިންޑިއާގެ މަހުޖަނަކު މަސްތުގެ ހާލަތުގައި ހުރެ ބާރު ސްޕީޑުގައި ލޯންޗު ދުއްވަނިކޮށް ހިނގި ހާދިސާއެއް ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ތުހުމަތުކުރަށްވައިފިއެވެ.

ޖުމްލަ ހަތް މީހުންނާއެކު ދަތުރުކުރި މި ލޯންޗު ބަންޑުން ޖަހާލި ކަމަށް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 01:15 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. މި ލޯންޗުގައި ތިބީ އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. މި ހާދިސާގައި ފަސް މީހަކު މޫދަށް ވިއްސައިގެން ގޮސްފައިވާއިރު، އިންޑިއާގެ ދެ ފިރިހެނުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

މި ހާދިސާއާ ގުޅޭގޮތުން އޮންލައިން މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ، ލޯންޗުގައި ތިބި މީހުން ދިން މައުލޫމާތަށް ބަލާއިރު ލޯންޗު ދުއްވަން އިނީ އިންޑިއާގެ މަހުޖަނެއް ކަމަށްވާ އުމުރުން 60 އަހަރުގެ ގޯތަމް ސިންހާނިއާ ކަމަށެވެ. އަދި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި، ލޯންޗު ދުއްވާފައިވަނީ އާދަޔާ ހިލާފަށް ބާރު ސްޕީޑުގައި 'ޑްރިފްޓް' ޖައްސަމުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އަތޮޅުތެރޭގައި ދުއްވާ ސްޕީޑް ލޯންޗުތައް ވެސް އެންމެ ބާރުކޮށް އާންމުކޮށް މި ދުއްވަނީ ގާތްގަނޑަކަށް 42 މޭލަށް. އެކަމަކު އޭގެ ދެގުނަ ބާރުމިނުގައި، ގަޑިއަކު 72 މޭލު ބާރުމިނުގައި ދުއްވާ ޑްރިފްޓް ޖައްސާފައި އެހެރީ." ޝުޖާއު ވިދާޅުވިއެވެ.

މި ހާދިސާގައި އަނިޔާވި ހަތަރު މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ. މީގެ ތެރެއިން އެއް ފިރިހެނެއްގެ އަތުގެ އެއްބައި ބުރިވެފައިވާތީ އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ވަނީ އިންޑިއާއަށް ފުރައިފައެވެ. އަދި ރަޝިޔާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުންނެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސިންހާނިއާއަށް ލިބިފައިވަނީ ކުދި އަނިޔާތަކެކެވެ. އޭނާ ވ. އަތޮޅު ހޮސްޕިޓަލުގައި ދޮޅުގަޑިއިރު ފަރުވާ ހޯދުމަށްފަހު އެނބުރި ޔޮޓަށް ގޮސްފައިވާ ކަމަށާއި، މިހާރު އޭނާ ވަނީ އިންޑިއާގެ މުމްބާއީއަށް ގެންގޮސްފައި ކަމަށް އޭނާގެ ތަރުޖަމާނާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. އަދި ފުލުހުންވެސް މިއަދު ވަނީ ހާދިސާގައި އަނިޔާވި އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެއް އިންޑިއާއަށް ގޮސްފައިވާކަން ކަށަވަރު ކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު