މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް
ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ސްކޫލްތަކުގައި ކިޔަވައިދޭ ގަޑިތަކުގައި މޯބައިލް ފޯނާއި އިލެކްޓްރޯނިކް ޑިވައިސްތައް ބޭނުންކުރުން ހަނިކުރުމުގެ މަގުސަދުގައި "ފޯން އޮފް، ލާނިން އޮން" ގެ ނަމުގައި އައު ނިޒާމެއް ތައާރަފްކޮށްފިއެވެ.

ބެންކޮކްގެ ކަމާބެހޭ ފަރާތްތަކުން ފެށި މި ޕްރޮގްރާމް ކުރިއަށް އޮތް ދިރާސީ އަހަރުން ފެށިގެން ބެންކޮކް މެޓްރޮޕޮލިޓަން އެޑްމިނިސްޓްރޭޝަން (ބީ.އެމް.އޭ) ގެ ދަށުން ހިންގާ 437 ސްކޫލެއްގައި ތަންފީޒު ކުރާނެއެވެ. މި ފިޔަވަޅަކީ ދަރިވަރުން ސްކްރީން ބޭނުންކުރާ ވަގުތު އިތުރުވުމުގެ ސަބަބުން އެކުދިންގެ އުނގެނުމަށާއި، ދުޅަހެޔޮކަމުގެ އިތުރުން އޮންލައިން ރައްކާތެރިކަމަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ބެލެނިވެރިންނާއި ތައުލީމީ ދާއިރާގެ ކަންބޮޑުވުންތައް އިތުރުވަމުންދާތީ އެޅި ފިޔަވަޅެކެވެ.

ބެންކޮކްގެ ގަވަރުނަރު ޗަޑްޗާޓް ސިޓިޕަންޓް މި ޕްރޮގްރާމް ސިފަކުރެއްވީ، ދަރިވަރުން ފިލާވަޅުތަކަށް އިސްކަންދޭ، ދުޅަހެޔޮ އުނގެނުމުގެ މާހައުލެއް އުފެއްދުމަށް އެޅި ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައެވެ. އޮފިޝަލުން ފާހަގަކުރާ ގޮތުގައި މިއަދުގެ ދަރިވަރުންނަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ތެރެއަށް ފުރިހަމައަށް ޣަރަޤުވެގެން ބޮޑުވި ފުރަތަމަ ޖީލެވެ. އެހެންކަމުން، މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ޑިވައިސްތައް މުޅިން މަނާކުރުމުގެ ބަދަލުގައި، ޒިންމާދާރުކަމާއެކު ވަކި މަގުސަދެއްގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް ހިތްވަރު ދިނުމަށެވެ.

މި ނިޒާމް ބިނާވެފައިވަނީ މުހިންމު ތިން އުސޫލެއްގެ މައްޗަށެވެ:

މަޤްޞަދުހުރި އުނގެނުން: ޑިޖިޓަލް ޑިވައިސްތައް ބޭނުންކުރުމުގެ ހުއްދަ ލިބޭނީ ހަމައެކަނި މުދައްރިސުންގެ ބެލުމުގެ ދަށުން، ތަޢުލީމީ ހަރަކާތްތަކަށް ބޭނުންވާ ވަގުތުތަކުގައި އެކަންޏެވެ.

ސިއްހަތާއި އިޖުތިމާއީ ތަރައްގީ: މެންދުރުގެ ކެއުމުގެ ބްރޭކްތަކުގައާއި އެހެނިހެން ހުސްވަގުތުތަކުގައި "ޑިވައިސް ފްރީ" ވަގުތުތަކެއް ތައާރަފްކުރެވޭނެއެވެ. މީގެ ބޭނުމަކީ ދަރިވަރުން އެކަކު އަނެކަކާ މުއާމަލާތްކުރުން އިތުރުކޮށް، ޖިސްމާނީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރު ދިނުމެވެ.

އޮންލައިން ސޭފްޓީ: ދަރިވަރުން އިންޓަނެޓް ބޭނުންކުރާ ގޮތް މޮނިޓަރކޮށް، ސައިބަރ ބުލީންގ ނުވަތަ އެކަށީގެން ނުވާ ކޮންޓެންޓަށް ހުށަހެޅުން ފަދަ ނުރައްކާތައް ކުޑަކުރުމަށް ހާއްސަ ނިޒާމުތަކެއް ގާއިމްކުރެވޭނެއެވެ.

ބެންކޮކް ސިޓީގެ އިދާރާގެ ދަށުން ހިންގާ ހުރިހާ ސްކޫލްތަކެއްގައި އެއްގޮތަކަށް މި ސިޔާސަތު އަމަލުކުރި ނަމަވެސް، ޓެކްނޮލޮޖީގެ ބޭނުން ހިފަންޖެހޭ ފިލާވަޅުތަކުގައި ޑިވައިސްތައް ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ފްލެކްސިބިލިޓީ މުދައްރިސުންނަށް އޮންނާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު